ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ”މިނިވަން 60“ ގެ ނަމުގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ހަރަދުވީ 4.1 މިލިޔަން ރުފިޔާ ކަމަށް މިނިސްޓާ އޮފް އާޓްސ،ް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހީނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުޑޫ ސުވާލު ކުރެއްވީ، ”މިނިވަން 60“ ފާހަގަ ކުރުމަށް މިނިސްޓްރީން ހަރަކާތްތަކަށް ހަރަދުވި ޖުމުލަ ފައިސާގެ ތަފުސީލާއި މިނިވަން ދުވަހުގެ ހަރަކާތްތައް މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޭއްވި ގޮތުގެ ތަފުސީލު ހޯއްދެވުމަށެވެ.
މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލެ ނޫން އެހެން އެއްވެސް ތަނެއްގައި ހަރަކާތްތައް އެ މިނިސްޓްރީން ހިންގާފައި ނުވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މި ވުޒާރާއިން ހިންގި ހަރަކާތްތަކަށް ޖުމުލަ ހަރަދުވެފައި ވަނީ 4.1 މިލިއަން ރުފިޔާ،“ ހީނާ ވިދާޅުވި އެވެ.


