ސިނގިރޭޓު އަގުހެޔޮކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވި ގޮތަށް މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ސިގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީއަކީ 8 ރުފިޔާއެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 50 ޕަސެންޓެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލާއެކު ސިނގިރޭޓާއި ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. އޭގެ އިތުރުން އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދު 30 ޕަސެންޓަށް ކުޑަކޮށް، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ

އޭގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.