ވަޒީރު އިހްސާންގެ ނަސޭހަތެއް ފުލުހުންނަށް: ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ

ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންވީ ކިބުރުވެރިކަމެއް ނެތި ނަޒާހަތްތެރިކަމާއެކު ޚިދުމަތްރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބުންކަމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނައަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ކުށުގެވެއްޓާއި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެތައް އަހަރެއް ވަންދެން، ރާއްޖޭގެ ދާޚިލީ ސަލާމަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. އަދި އިންތިޒާމްވެގެން ހިންގާ ކުށްތަކަށް ފަންޑު ކުރަނީވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މަސްތުވާތަކެތި ހުއްޓުވަމީ ޤައުމުގެ މަސްލަހަތު ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެމުހިންމު އެއްމަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ އުދަނގޫ މަސައްކަތަކަށްވީ ނަމަވެސް، ފާއިތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގައި އާއްމުކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިވެ، އެ ކަންކަމާއި ކުރިމަތިލުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެތިބުމަށް ވަޒީރު އިޙްސާން އިލްތިމާސްކުރެއްވިއެވެ.

ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަން ޖެހޭ ގޮތުގެ އިރުޝާދުދެއްވަމުން ވަޒީރު ވިދާޅުވީ ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާން ވާނީ ބެޓަނާއި ވަރުގަދަ ހަތިޔާރުތައް ނޫންކަމަށާއި، ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ފުލުހުންނަށް އޮތް އިތުބާރު ކަމަށެވެ. ”ކިބުރުވެރިކަމެއް ނެތި ނަޒާހަތްތެރިކަމާއެކު ފުލުހުންގެ ޒިންމާ އަދާކުރުމަކީ އާއްމުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިހްސާން ވަނީ ވިދާޅުވެފައެވެ.