ހާއްސަ ހާލަތްތަކުގައި ސަރުކާރު މުވައްޒަފުންނަށް މިހާރު ގޭގައި މަސައްކަތް ކުރެވޭނެ، ނަރުހުންނާއި ޓީޗަރުން އިސްތިސްނާ

ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން އޮފީހަށް ނުކުމެ މަސައްކަތް ނުކުރެވޭނޭ ހާލަތެއް ދިމާވެއްޖެ ނަމަ، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި 19 ވަނަ އިސްލާހުގައި ބުނެފައިވަނީ މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއްގެ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއް ދޫކުރި ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ޑޮކްޓަރަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކޮށް އެ މުވައްޒަފަކަށް އޮފީހަށް ނުކުމެ މަސައްކަތް ނުކުރެވޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، އެ އިދާރާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ނަމަވެސް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެވޭނީ އެ އިދާރާއެއްގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާއަށް ކަމަށް ބުނެފައިވެ އެވެ.

އޮފީހަށް ހާޒިރުނުވެ ގޭގައި މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން އިސްލާހުގައި ފާހަގަކޮށްފައިވެ އެވެ. އެއީ؛

  • ހަވާލުކުރާ މަސައްކަތްތަކަކީ ގޭގައި، އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތަކަށްވުން
  • ހަވާލުކުރެވޭ މަސައްކަތްތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނެ މާހައުލެއް އޮތްކަން ކަށަވަރުކުރުން
  • އިދާރާއިން ދޭ އެއްވެސް ހިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، ގޭގައި ކުރާ މަސައްކަތްތައް މުވައްޒަފަށް ހަވާލުކުރެވި، އެ މަސައްކަތްތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް، މޮނިޓާކޮށް ބެލެހެއްޓުން
  • މުވައްޒަފަކު އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އަންގައިފިނަމަ، އޮފީހަށް ހާޒިރުވުން
  • މުވައްޒަފަށް އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވޭ ނަމަ، އޮފީހަށް ނުކުތުމަށް އެންގިދާނެ
  • ގޭގައި މަސައްކަތްކުރުމަށް އެދެވޭނީ، އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު. އެ އެއްބަސްވުމުގައި މަސައްކަތުގެ މައުލޫމާތާއި ސިއްރު ހިފެހެއްޓުމަސް އިގުރާރުވާންޖެހޭނެ

އިސްލާހުގައިވާ ގޮތުން، ޓީޗަރުންނާއި ނަރުހުން ފަދަ ފަންނުތަކުގެ މުވައްޒަފުންނާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އޮފީހަށް ހާޒިރުނުވެ، ގޭގައި މަސައްކަތްކުރުމަށް ހުއްދަ ދިނުމުގައި އިސްތިސްނާވާނެ އެވެ.