ވޯލްޑް
ކަޕް

ރޮނާލްޑޯއަށް މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމުގެ ޔަގީންކަން ދީފި 

ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވާހަކަދައްކަނީ -- ފޮޓޯ: ގެޓީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕްކަން އިއުލާންކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިހެން ބުނެފައިވަނީ އެމެރިކާގެ ޓެކްސަސްގެ އާލިންޓަންގައި ސްޕެއިނާ ދެކޮޅަށް ގަދަ 16 ގެ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރޮނާލްޑޯ ވަނީ 2006، 2010، 2014، 2018، 2022 އަދި 2026 ގައި ޖުމްލަ ހަ ވޯލްޑް ކަޕެއްގައި ކުޅެފައެވެ. ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާނާ ދެކޮޅަށް ގޯލު ޖަހައި، ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ ކަމުގެ ރެކޯޑް އޭނާ ހެދިއެވެ. މި މުބާރާތުގައި ރޮނާލްޑޯ ތިން ގޯލު ޖެހިއެވެ. އުޒްބެކިސްތާނާ ދެކޮޅަށް ދެ ގޯލު ޖެހި އިރު، ގަދަ 32 ގައި ކްރޮއޭޝިއާ ކޮޅަށް ޕެނަލްޓީއެއް ކާމިޔާބުކޮށް، ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި އޭނާ ޖެހި ފުރަތަމަ ގޯލު ކާމިޔާބުކުރިއެވެ.

”މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް. އެކަމަކު މާދަމާ އަކީ އަހަރެންގެ އެންމެ ފަހު މެޗު ކަމުގައި ނުވާނެ ކަމަށް އުންމީދުކުރަން. މާދަމާ ކޮންމެ ގޮތެއް ވިޔަސް، ދާނީ އުންމީދާއެކު. ފުޓުބޯޅައިގައި އަހަރެންނަށް ދެވެން ހުރި ހުރިހާ އެއްޗެއް ދީފިން،“ ރޮނާލްޑޯ ބުންޏެވެ.

މި މުބާރާތާ ގުޅޭގޮތުން ރޮނާލްޑޯ ބުނީ މިއީ ޖަޒުބާތީ ގޮތުން އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. ”ދަނޑުން ބޭރުންވެސް ތަޖުރިބާ ވަރަށް ތަފާތު. މީހުންގެ ޝައުގުވެރިކަން މި ފަހަރު މާ ބޮޑު. މި ވޯލްޑް ކަޕް އެންމެ ބޮޑަށް ހަނދާނުގައި ހުންނާނެ،“ ރޮނާލްޑޯ ބުންޏެވެ.

މިއީ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑް ކަޕްކަން އިއުލާންކޮށްފައިވާ އިރު، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ޕޯޗުގަލާއި ސްޕެއިން އަދި މޮރޮކޯ ގުޅިގެންނެވެ.