ވޯލްޑް
ކަޕް

މޫސުން ގޯސްވެ މެކްސިކޯ އާއި އިންގްލެންޑް މެޗު ފެށުން އެއް ގަޑިއިރު ފަސްކޮށްފި

މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމް -- ފޮޓޯ: ގެޓީ

މެކްސިކޯ ސިޓީގެ އެޒްޓެކާ ސްޓޭޑިއަމްގައި މިރޭ ކުޅެން ހަމަޖެހިފައި އޮތް ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފެށުން މޫސުން ގޯސްވުމުގެ ސަބަބުން އެއް ގަޑިއިރަށް ފަސްކޮށްފިއެވެ.

ފީފާ އިން ނެރުނު ބަޔާނުގައި ބުނީ ސްޓޭޑިއަމް ކައިރީގައި ހޮނު އެޅުމުގެ ނުރައްކާ އޮތުމާއެކު، ހުރިހާ ފަރާތެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، މެޗު ފެށުން ފަސްކުރީ ކަމަށެވެ.

ކުރިން މެޗު ފެށުމަށް ތާވަލުކޮށްފައި އޮތީ ރާއްޖޭގަޑިން ފަތިހު 5:00 ގައި ކަމަށްވީ ނަމަވެސް، ދެން މެޗު ފެށޭނީ ހެނދުނު 6:00 ގައެވެ.

މޫސުމާ ގުޅިގެން މެޗު ފެށުމާ ގުޅޭގޮތުން ކުރިން ވެސް މަޝްވަރާކުރެވުނު އިރު، އޭރު މަޝްވަރާކުރެވުނީ މެކްސިކޯ ގަޑިން މެންދުރު 12 ޖަހާއިރަށް މެޗު އަވަސްކުރުމަށެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްފަހު ކުރިންވެސް ރޭވި ގޮތަށް ވަގުތު ބެހެއްޓީއެވެ.

ފީފާގެ ޕްރޮޓޮކޯލް ބުނާ ގޮތުން އަށް މޭލު ރޭޑިއަސް ތެރޭގައި ހޮނު އަޅައިފި ނަމަ ކުޅުން ހުއްޓާލާނެ ކަމަށާއި، ހޮނު ނާޅައި 30 މިނެޓު ފާއިތުނުވާ ނަމަ ކުޅުން އަލުން ނުފެށޭނެއެވެ.