ރިޝްވަތުގެ ގޮތުގައި 325 މިލިއަން ޑޮލަރު ނެގި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު އިއްވައިފި

ފާއިތުވި 30 އަހަރުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި 325 މިލިއަން އެމެރިކާ ޑޮލަރު ނެގި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ އަދަބު ދޭން ހުކުމްކޮށްފި އެވެ.

ޗައިނާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ނަންޖިންގެ އިގުތިސާދީ ތަރައްގީއާ ބެހޭ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޔަންގް ޔޫލިންގެ މައްޗަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ދިނުމާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ހުކުމްކުރީ 1993 އިން 2023 އަށް 2.21 ބިލިއަން ޔުއާން (325 މިލިއަން ޑޮލަރު) އަށްވުރެ ގިނަ އަދަދެއްގެ މުދަލާއި ފައިސާ ”ޣައިރު ގާނޫނީ ގޮތެއްގައި ބަލައިގެން މައްސަލައިގައެވެ.

މި މައްސަލައިގައި ޔަންގް ޔޫލިންގެ އަމިއްލަ މުދާ ދައުލަތަށް ނަގައި، އޭނާ ރިޝްވަތުގެ ގޮތުގައި ހޯދި ހުރިހާ ފައިސާއެއް އަނބުރާ ހޯދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ ރިޝްވަތުގެ އަދަދަށް ބަލާއިރު ފަހުގެ ތާރީހެއްގައި ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަންގެ އެއް މައްސަލަ އެވެ.

ޔަންގް ޔޫލިންގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ފައްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނުގެ ދަށުންނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ކެމްޕޭނަކީ ޝީގެ ސިޔާސީ ވާދަވެރިން ނައްތާލުމަށް ފެށި ކެމްޕޭނެކެވެ.

ޗަންގްޒޫ އިންޓަމީޑިއަޓް ޕީޕަލްސް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ޔަންގް ޔޫލިންއަށް ރިޝްވަތު ދީފައިވަނީ ޕްރޮޖެކްޓްތައް ހޯދައިދިނުމާއި ވިޔަފާރީގެ މުއާމަލާތްތަކާއި ބިން ދޫކުރުމާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމަށް އެހީތެރިވުމުގެ ބަދަލެއްގެ ގޮތުންނެވެ.

ޗައިނާގައި މީގެ ކުރީން ވަނީ ދެ މީހަކަށް މަރުގެ އަދަބު އިއްވައި ތަންފީޒުކޮށްފަ އެވެ. އެގޮތުން 2021 ވަނަ އަހަރު ޗައިނާގެ ދައުލަތުގެ ކުންފުންޏެއްގެ ޕާޓީ ސެކްރެޓަރީ ލައި ޝިއާއޯމިންގެ މައްޗަށް ވަނީ ރިޝްވަތު ހިފުމާއި ހިޔާނާތާއި ދެ އަނބިން ގެންގުޅުމުގެ ކުށް ސާބިތުވެ، މަރުގެ އަދަބު އިއްވައި ތަންފީޒުކޮށްފަ އެވެ. އަދި 2024 ވަނަ އަހަރު، އިނާ މޮންގޯލިއާގެ ފްރޮވިންސްގެ އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިންގްގެ މައްޗަށް ހިޔާނާތާއި ރިޝްވަތުގެ ކުށް ސާބިތުވުމުން ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފަ އެވެ.