ލްޑް ކަޕް މުބާރާތުގައި ޓީމުތަކަށް ކުރާ ތަފާތުކުރުންތަކާއި ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ދެން ވޯލްޑް ކަޕް މެޗުތައް ނުބަލާނެ ކަމަށް މިސްރުގެ ކޯޗު ހުސާމް ހަސަން ބުނެފިއެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވާން ދަނިކޮށް، ފަހު ވަގުތު ޖެހި ގޯލުތަކާއެކު މިސްރު ވަނީ މުބާރާތުން ކަޓައިފައެވެ.
މިސްރުގެ ކޯޗު މިހެން ބުނެފައިވަނީ ވޯލްޑް ކަޕް މުބާރާތުގެ މެޗުތަކުގައި ފެންނަމުންދާ ބައެއް ކަންކަމަކީ ވަކި ޓީމަކަށް، ހާއްސަކޮށް އާޖެންޓީނާއަށް ފައިދާވާ ގޮތަށް ކުރެވޭ ކަންތައްތަކެއް ކަމަށް ތުހުމަތުކުރަމުންނެވެ. އޭނާ ފާހަގަކުރި ގޮތުގައި، މެޗުތަކުގައި ރެފްރީންގެ ނިންމުންތައް ހުންނަ ގޮތުން ފެންނަނީ މުބާރާތުގެ ތަށި އާޖެންޓީނާއަށް ހޯދައިދިނުމަށް މަސައްކަތްކުރާ މަންޒަރު ކަމަށެވެ.
މި މޭރުމުން ވާހަކަދައްކަމުން އޭނާ ބުނީ، މިފަދަ ”އިންސާފެއް ނެތް“ މުބާރާތެއް ދެން އިތުރަށް ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ. މިއީ ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި ރެފްރީންގެ ނިންމުންތަކާއި، ވީއޭއާރް ބޭނުންކުރާ ގޮތާ މެދު ކުރިންވެސް ގިނަ ބަޔަކު ކުރަމުން އައި ޝަކުވާތަކެއްކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް، ފީފާ އިން އަބަދުވެސް ބުނަމުން އަންނަނީ މުބާރާތްތަކުގައި އިންސާފުވެރިކަން ދަމަހައްޓާ ކަމަށާއި، ރެފްރީންގެ ނިންމުންތަކަކީ ފުޓްބޯޅައިގެ ގަވާއިދުތަކާ އެއްގޮތަށް ނިންމާ ނިންމުންތަކެއް ކަމަށެވެ. މިސްރުގެ ކޯޗުގެ މި ބަސްތަކާ ގުޅިގެން ފީފާއިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


