ވޯލްޑް
ކަޕް

ކްރޮއޭޝިއާގެ ކާމިޔާބު ކޯޗު ޑަލިޗް، ތިން ވޯލްޑް ކަޕަށްފަހު އިސްތިއުފާދީފި 

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް -- ފޮޓޯ: ރޮއިޓާސް

ކްރޮއޭޝިއާގެ އެންމެ ކާމިޔާބު ކޯޗު ޒްލަޓްކޯ ޑެލިޗް، ނުވަ އަހަރު ގައުމީ ޓީމުގެ ހެޑް ކޯޗުކަމުގައި ހުރުމަށްފަހު މިއަދު އެ މަގާމުން އިސްތިއުފާދީފިއެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޕޯޗުގަލްއާ ވާދަކޮށް 2-1 އިން ބަލިވެ ކްރޮއޭޝިއާ މުބާރާތުން ކެޓިތާ ހަފުތާއެއް ވެސް ނުވަނީސް ޑެލިޗް ވަނީ މަގާމު ދޫކޮށްލައިފައެވެ. ޑެލިޗްގެ އިރުޝާދުގެ ދަށުން ކްރޮއޭޝިއާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕްކަމާއި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ތިންވަނަ ހޯދައިފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުން މެޑެލެއް ނުލިބި ޓީމު ވަކިވީއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ގަދަ 32 އަށް ދަތުރުކުރީ ގްރޫޕް އެލްގެ ދެވަނައިގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑް އަތުން 4-2 އިން ބަލިވެ، ޕެނަމާ އަތުން ހަނި ގޮތަކަށް 1-0 އިން މޮޅުވެ، ގާނާ ބަލިކުރީއެވެ. ގަދަ 32 ގެ ބުރުގައި ޕޯޗުގަލް އަތުން ބަލިވީ ވީއޭއާރުން ދިން ޕެނަލްޓީއަކާއި ޔޮޝްކޯ ގްވާޑިއޯލްގެ އިތުރު ވަގުތުގެ ގޯލު އޮފްސައިޑް ކަމަށް ނިންމި ނިންމުމާ ވެސް އެކުގައެވެ.

”ގައުމީ ޓީމާ ހަވާލުވި އިރު ކުޅުންތެރިންގެ ފެންވަރަށާއި އަހަރެންގެ އަމިއްލަ ނަފުސަށް އިތުބާރުކުރީން، މި ގާތްގަނޑަކަށް ނުވަ އަހަރު ތެރޭ ހާސިލުކުރެވުނު ހުރިހާ ކަމެއް ހާސިލުވާނެ ކަމަށް ހުވަފެނުން ދެކެފައިވެސް ނުވާނެ“ ޑެލިޗް ބުންޏެވެ.

ޑެލިޗް ބުނީ ކޮންމެ މޮޅަކާ މެދު، ބޮޑެތި މުބާރާތްތަކަށް ކޮލިފައިވުމާ މެދު، ތިން މެޑެއްޔާ މެދު، ވޯލްޑް ކަޕުގައި އިންގްލެންޑާއި ބްރެޒިލް ބަލިކުރި ރޭތައް ފަދަ ކްރޮއޭޝިއާ ފުޓުބޯޅައިގެ ފުރިހަމަ ރޭތަކާ މެދު ފަހުރުވެރިވާ ވަރު ބަޔާންކޮށްދޭންވެސް ނޭނގޭ ކަމަށެވެ.

ޑެލިޗް 2017 ވަނަ އަހަރު ކްރޮއޭޝިއާއާ ހަވާލުވީ ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އާއި ޔޫއޭއީގެ އަލް އައިންގައި މަސައްކަތްކުރުމަށް ފަހުގައެވެ. އޭނާގެ ބެލުމުގެ ދަށުން ކްރޮއޭޝިއާ 111 މެޗު ކުޅެ 62 މެޗުން މޮޅުވެ، 2022-23 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ރަނަރަޕްކަން ވެސް ހޯދިއެވެ.