އުތުރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް 2026 ގައި ސެނެގާލްގެ ގައުމީ ޓީމަށް އެކަށީގެންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ތަޖުރިބާ ޓީމުގެ ޑޮކްޓަރުގެ ކިބައިގައި ނެތް ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެޑެރޭޝަނުގެ ރައީސް އަބްދުﷲ ފާލް ވިދާޅުވީ، ޓީމުގެ ޑޮކްޓަރަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ ”ގައިނަކޮލޮޖިސްޓެއް“ ކަމަށާއި، މިކަން އެނގުނީ ވަރަށް ފަހުން ކަމަށެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ މެދުގައި ކަންބޮޑުވުން އުފެދި، ލިބެމުންދިޔަ ސިއްހީ ފަރުވާއާ މެދު އިތުބާރު ކުޑަވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުޅުންތެރިންނަށް ޔަގީންކަން ދިނުމުގެ ގޮތުން އިތުރު ސިއްހީ މާހިރުންގެ އެހީތެރިކަން ހޯދަން ޖެހުނު ކަމަށްވެސް ފާލް ވިދާޅުވިއެވެ.
ނަމަވެސް، ސެނެގާލްގެ އެސޯސިއޭޝަން އޮފް ސްޕޯޓްސް މެޑިސިން އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓީމުގެ ޑޮކްޓަރު އަބްދުއްރަހުމާން ފެޑިއޯރަކީ ކުޅިވަރުގެ ދާއިރާއިން ހާއްސަ ޑިޕްލޮމާ ހާސިލުކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.
ފެޑިއޯރަކީ 2017 ވަނަ އަހަރުން ފެށިގެން ސެނެގާލްގެ ޓީމުގެ ޑޮކްޓަރުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، އޭނާ ވަނީ މީގެ ކުރިން ތިން ވޯލްޑް ކަޕާއި ފަސް އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ޓީމަށް ހިދުމަތްކުރައްވާފައި ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ވޯލްޑް ކަޕްގައި ސެނެގާލަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ޓީމުގެ ކޯޗު ޕާޕް ބޫނާ ޗައު މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗުން ފްރާންސާއި ނޯވޭ އަތުން ސެނެގާލް ބަލިވި އިރު، ގަދަ 32 ގެ ބުރުގައި ބެލްޖިއަމް އަތުން ބަލިވީ މެޗުގެ ފަހު ފަސް މިނެޓާ ހަމައަށް 2-0 އިން ކުރީގައި އޮއްވައެވެ. ސެނެގާލުން ވޯލްޑް ކަޕްގައި ބޮޑު ކާމިޔާބީއަކަށް އުންމީދު ކުރި ނަމަވެސް، މުބާރާތް ނިންމާލަން ޖެހުނީ މާޔޫސްކަމާއެކުގައެވެ.


