ސިހުރު ހަދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދުމުގެ މައްސަލައަކާ ގުޅިގެން ށ. ފޭދޫ ހުދުވެލި، 63 އަހަރުގެ މޫސާ ނައީމް ފުލުހުން ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރު ކުރީ ސިހުރު ހެދުމާއި ސިހުރު ހަދަން ބޭނުންކުރާ އާލާތްތައް ގެންގުޅުމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި އޭނާގެ 15 ދުވަހަށް ޖަލު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، އޭނާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބުނެއެވެ.

ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ، ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓުން ބަލައިގެންނެވެ.