ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހުމާން، މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ މި ދަތުރަކީ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވި ދައުވަތަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއް ކަމަށެވެ.
މިއީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ މަގާމާއި ހަވާލުވުމަށްފަހު، ޑރ. ހަލީލުއްރަހުމާން ރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރެވެ.
މި ދަތުރުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. އަދި ފަހުން އިރުތިޝާމްއާ ބައްދަލުކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިރުތިޝާމް އާއެކު ބާއްވާ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި އެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި ދެ ގައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ގައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ މިނިސްޓަރުން މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.


