ރައީސް ޑރ. މުހައްމަދު މުއިއްޒު, އެ މަނިކުފާނު ޖަލަށް ލާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭ ގޮތުން، ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން އެހެން ވިދާޅުވީ, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެ މަނިކުފާނަށް އިއްވި ހުކުމްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, ފަނޑިޔާރުންނަށް އެކި ކަހަލަ ’އޮފާ‘ ތަކެއް ދީގެން ކުރެއްވި އަނިޔާވެރި ހުކުމްތަކެއްކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
”މުއިއްޒަކީ އަޅުގަނޑާއެކު އުޅުއްވި ވަޒީރެއް. ތި އެމްއެމްޕީއާރުސީގެ ކަންތައްތައް އަޅުގަނޑުމެންނަށް އެނގޭ ވަރަށް މުއިއްޒަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމަ ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ އެކަހަލަ ކޮރަޕްޝަން ކަމެއްގައި, އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުގެ ބޮލުގައި ބަދުނާމެއް އެޅުވިޔަސް, އެކަމެއް ކޮށްފަ ނޯންނާނެކަން. އެހެންވީމަ އަޅުގަނޑު ކޮންފިޑެންސާއެކު ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް މުއިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަކަށް,“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ, ރައީސް މުއިއްޒަށް ސަރުކާރު ހިންގަން ނޭނގުނަސް އަދި އިތުރުފުޅު ހެއްދެވިޔަސް ކުރީގެ ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅަކު ޖަލަށްލައި, އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް އަމިއްލައަށް ގަބޫލުނުކުރައްވާ ކަމަށެވެ.
”އަޅުގަނޑެއް ގަބޫލެއް ނުކުރާނަން, އަޅުގަނޑު ކައިރީގައި މަސައްކަތް ކުރެއްވި ބޭފުޅެއް މުއިއްޒަކީ. އަނެއްކާ އަޅުގަނޑަކީ ރައީސްކަން ކޮށްފައި ހުރި މީހެއް. އެހެންވީމަ އަޅުގަނޑުމެންވަރުގެ މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް އަޅުގަނޑަށް ހަމަ ޕާސަނަލީ ގަބޫލުނުކުރަނީ. މުއިއްޒު ކުރައްވާފަނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި. ދެން ފުރުސަތެއް ލިބުނަސް ކުރައްވަފާނެ. އެކަމަކު މުއިއްޒު ނުކުރައްވާނެ ކަމަށް ގަބޫލުކުރެވޭތީ,“ ޔާމީން ވިދާޅުވި އެވެ.


