ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ދެ ގައުމުން ހިއްސާކުރާ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް އާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ, ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަށާއި ބޮޑުވަޒީރު ވޮންގްއަށް ފޮނުވި ތަހުނިޔާގެ ސިޓީފުޅުގައެވެ.
ރައީސްގެ އޮފީހުން ބުނީ, ސިންގަޕޫރުގެ ރައީސަށް ފޮނުއްވި ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސަށާއި އެ މަނިކުފާނުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ގައުމީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވެވި ކަމަށެވެ.
މީގެ އިތުރުން ސިންގަޕޫރަކީ ސަރަހައްދީ ފެންވަރުގައި އީޖާދީ އަދި އުންމީދީ ދަންމަރެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި ކަމަށްވެސް ބުންޏެވެ.
ރައީސްގެ އޮފީހުން ބުނީ, ރައީސްގެ ސިޓީފުޅުގައި އެއް ގައުމުން އަނެއް ގައުމަށްކުރާ އިހުތިރާމާއި އިތުބާރާއި ސަރަހައްދީ އަމަންއަމާންކަމާއި ކުރިއެރުމަށް ދެ ގައުމުން ހިއްސާކުރާ އަޒުމުގެ މަތީގައި ބިނާވެފައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ އަގުވަޒަންކުރެއްވި ކަމަށެވެ.
ރައީސްގެ އޮފީހުން ބުނީ, ސިންގަޕޫރުގެ ބޮޑުވަޒީރު ވޮންގް އަށް ފޮނުއްވި ސިޓީފުޅުގައި ސިންގަޕޫރާއެކު އޮންނަ ގާތް, ރަހުމަތްތެރި ގުޅުން, ރާއްޖެއަށް މުހިންމުވާ މިންވަރުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި ކަމަށެވެ.
އެގޮތުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމާއި ގާބިލިއްޔަތު އިތުރުކުރުމާއި ފަރުދީ ފެންވަރުގައި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ ސަބަބުން އެ ގުޅުން ބަދަހިވަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސްގެ އޮފީހުން ބުންޏެވެ.
ރައީސްގެ އޮފީހުން ބުނީ, ދެ ބޭފުޅުންނަށް ފޮނުއްވި ސިޓީފުޅު ރައީސް ނިންމާލެއްވީ ސިންގަޕޫރުގެ ރައީސަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުން ކަމަށެވެ.


