އަމާން ޓަވަރުތައް ކައިރިން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި އެކަނިވެސް 670 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

”މަދިރިން ރައްކާ“ގެ ނަމުގައި އިއްޔެ ހިންގި ހަރަކާތަކީ އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ހިންގި ހަރަކާތެކެވެ. އެގޮތުން އިއްޔެ ހެނދުނު ފެށި އެ ހަރަކާތުގެ ދަށުން އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް ވަކިކޮށް, ސާފުކޮށްފައިވެ އެވެ.

އެޗްޑީސީން ބުނީ, އެ ސަރަހައްދުން އިއްޔެ އެކަނިވެސް 670 ޓަނުގެ ކުނި ނެގި އިރު, އެ މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަކުރާނެ ކަމަށެވެ. އެއަށްފަހު އެ ސަރަހައްދުގައި ޖޯލިފަތިތަކާއި ބައްތި ހަރުކޮށް, ހިތްގައިމު ”ގްރީން ޒޯނަކަށް“ ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.