އެމްޑީޕީގެ ”ދަތިވެއްޖެ“ މުޒާހަރާ ކުރިއަށް ގެންދަން ބޭނުންވަނީ މަޖީދީމަގުން

ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ”ދަތިވެއްޖެ“ މުޒާހަރާ މަޖީދީމަގުގައި ބޭއްވުމުގެ ހުއްދައަކަށް އެދިއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ސޯޝަލް ސެންޓަރު ކުރިމަތިން ފަށަން ނިންމާފައިވާ މި މުޒާހަރާގެ އިންތިޒާމުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ހެނދުނު ވަނީ ފުލުހުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، އިސްކަންދަރު ކޮށީ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މަޖީދީ މަގުން މުޒާހަރާ ކުރިއަށް ގެންދަން ފުލުހުންނަށް ހުށަހެޅުމުން، ވެރިންނާ މަޝްވަރާކުރުމަށް ފަހު، ޖަވާބެއް ދޭނެ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން އެ ދުވަހުގެ މުޒާހަރާއަށް މަޖީދީމަގުން ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ގާނޫނުން ދީފައިވާ ހުއްދައިގެ ދަށުން އިހުތިޖާޖުގައި ޝުއޫރު ފާޅުކުރަމުން މަޖީދީމަގުން ދެވޭނެ ކަމަށް މި ބައްދަލުވުމުގައި ފުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ރޭގެ މުޒާހަރާ ކުރިއަށްދާނީ ސުލްހަވެރިކަމާއެކު، ޝުއޫރު ފާޅުކުރާ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

’ދަތިވެއްޖެ‘ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާވެސް ދަމަމުންނެވެ. އަދި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަނުގައި ދަނީ ޕިކަޕް ޖަލްސާތައްވެސް ބާއްވަމުންނެވެ.