ރާއްޖޭގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓް ޑޮކްޓަރުންނަކީ ބިދޭސީން ކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސިއްހީ ދާއިރާއިން ދިވެހިންނަށް ފުރުސަތުތައް ފުޅާކޮށް ބިދޭސީން މަދުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގީލާ ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު ސިއްހީ ދާއިރާގައި 2025 ވަނަ އަހަރާ ހަމައަށް 12،000 އަށްވުރެ ގިނަ މީހުން މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އަތޮޅުތެރޭގައި 7،000 އަށްވުރެ ގިނަ މީހުން އަދި މާލޭގައި 5،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
”އޭގެ ތެރޭގައި ބިދޭސީންގެ އަދަދަކީ 3400 އަށްވުރެ ގިނަ ބިދޭސީ ޑޮކްޓަރުން ހިމެނޭ،“ ގީލާ ވިދާޅުވި އެވެ.


