ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރެއްވުމަށް ނިންމަވައިފި

ސްޕްރީމްް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާކުރެއްވުމަށް ނިންމަވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް ޑިސެމްބަރު 1 އިން ފެށިގެން ޝަރަފުވެރިކަމާއިއެކު ރިޓަޔާކޮށް ދެއްވުމަށް އޮކްޓޫބަރު 28 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާ އިން ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމަށް ހުށަހަޅުއްވައި، އެދިވަޑައިގެންނެވި ގޮތަށް ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދެއްވުމަށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހެނީ މިމަހުގެ 08ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން އެ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.