މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު ގެޒެޓުކޮށް, އެއަށް އަމަލުކުރަން ފަށައިފި އެވެ.
މީގެ ކުރިން ނަމަ, އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި ހައްޖު ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުމެއް ނުކުރެވެ އެވެ.
ޕެންޝަން އޮފީހުން ބުނީ, އެލަށް ގެނައި އިސްލާހާއެކު ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ފަރުޟު ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްވާނެ ކަމަށެވެ.
އެގޮތުން 65 އަހަރުވުމުގެ ސަބަބުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރުން މަތިވެފައިވާ ފަރާތްތަކަށްވެސް މިހާރު އެ ފުރުސަތު ބޭނުން ހިފޭނެ ކަމަށްވެސް ބުންޏެވެ.
މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ:
- މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގައި މަދުވެގެން 336,000 ރުފިޔާ ހުންނަ މެންބަރުންނަށް
- ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ, ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336,000 ރުފިޔާ ހުންނަ ނަމަ
ޕެންޝަން އޮފީހުން ބުނީ, އެ އުސޫލުގެ ދަށުން ހައްޖަށް އެދޭ މެންބަރުން, ހައްޖު ދަތުރުގެ އަގުގެ 30 ޕަސެންޓް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން, ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެ ކަމަށެވެ. ނަމަވެސް ހައްޖު ދަތުރުގެ އަގުގެ ބާކީ 80 ޕަސެންޓަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެ ކަމަށާއި އެ ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް, ދާނީ އިންވެސްޓް ކުރެވުމުން ކަމަށްވެސް ބުންޏެވެ.
ޕެންޝަން އޮފީހުން ބުނީ, ރިޓަޔަމަންޓް ޕެންޝަން ސްކީމުން ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔާކުރާ މެންބަރުންނަށް ދޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު, ހައްޖަށް ރިޒާވްކުރާ ފައިސާ އަދަދެއް ނުހިމެނޭނެ ކަމަށެވެ.
އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި ނަމަވެސް އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ, އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.


