ޣައްޒާގައި ގުނަވަންތައް ބުރިކޮށްލާފައިވާ ކުޑަކުދިންނަށް ގައުމުން ބޭރުން ފަރުވާ ހޯދުމަށް އިޒްރޭލުން ހުރަސްއަޅަމުންދާ ކަމަށް ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާއިން އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ބުނީ, ދަތުރުފަތުރު ކުރުމަށް އިޒްރޭލުން އަޅާފައިވާ ހުރަސްތަކުގެ ތެރޭގައި ސިއްހީ ފަރުވާއަށް މީހުން ގެންދިއުން ހިމެނޭތީ, އޭގެ ސަބަބުން ސަތޭކަ އެތައް ކުދިންނަކަށް ބޭރު ގައުމުތަކުން ހާއްސަ ފަރުވާ ހޯދުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
އެ ޖަމާއަތުން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 1،134 ކުޑަކުދިންގެ އަތްފައި ބުރިކޮށްލަން ޖެހިފައިވީ ނަމަވެސް، އެ ކުދިންގެ ތެރެއިން ދިގު މުއްދަތުގެ ސިއްހީ ފަރުވާ ލިބެމުންދަނީ ވަރަށް މަދު ކުދިންނަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނި ގޮތުގައި ސެޕްޓެމްބަރު 2024 އާއި މެއި 2026 އާ ދެމެދު، ގުނަވަން ބުރިކޮށްފައިވާ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 2،300 މީހުންގެ ހާލަތު ވަނީ ދެނެގަނެވިފަ އެވެ.
ނަމަވެސް ޕްރޮސްތެޓިކްސް ލިބިފައިވަނީ އެންމެ 500 މީހުންނަށް ނުވަތަ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދަކަށެވެ.
ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާއިން ބުނީ, ޣައްޒާގައި މި ވަގުތު ތިބީ މަސްނޫއީ ގުނަވަން އެޅުވުމުގެ ސަނަދު ލިބިފައިވާ އެންމެ އަށް ޕްރޮފެޝަނަލުން ކަމަށެވެ. ނަމަވެސް މަސްނޫއީ އަތްފައި އުފެއްދުމާއި ހަރުކުރުމާއި މަރާމާތުކޮށް އަދި އެޖަސްޓް ކުރުމަށް ބޭނުންވާ އެކަށީގެންވާ ސާމާނެއް ޣައްޒާގައި ނެތް ކަމަށް ބުންޏެވެ.
”ފަރުވާއާއި ރިހެބިލިޓޭޝަން އަދި އެކަށީގެންވާ ތައުލީމު ލިބުމުން މި ކުދިން މަހުރޫމު ކުރަމުންދާނަމަ، މިހާރު އެ ކުދިންނަށް ލިބެމުންދާ ގެއްލުންތައް އުމުރު ދުވަހުގެ ނިކަމެތިކަމަކަށް ބަދަލުވުމުގެ ބިރު އެބަ އޮތް،“ އެ ޖަމާއަތުން ބުންޏެވެ.


