ދައުލަތުގެ ތިން ބާރުގެ އިމާރާތްތައް ކަމަށްވާ ރައީސްގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލައިގައި ހައްޔަރުކުރި ހަސަން ޒިހާން އިތުރު 14 ދުވަހަށް ބަންދުކުރަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ.
ޒިހާންއަކީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުރި މީހެކެވެ.
ހުޅުޖަހަން ގޮވާލި މައްސަލައިގައި ޒިހާން ހައްޔަރުކުރީ 20 އޮކްޓޫބަރު 2026 ގައި ފުވައްމުލަކުންނެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ.
ފުލުހުންގެ ރަސްމީ ތަރުޖަމާން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މީޑިއާތަކަށް ވިދާޅުވީ، އެ މުއްދަތު އިތުރުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް އިތުރު 14 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޒިހާން ފޭސްބުކްގައި އިނގިރޭސި ބަހުން ކުރި ޕޯސްޓުގައި ވަނީ ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
”ރޯކޮށްލައިފިއްޔާ މަޖާވާނެ،“ އޭނާގެ ސްޓޭޓަސްގައި ބުނެފައިވެ އެވެ.
ނަމަވެސް އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ނަގައިފަ އެވެ.


