ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ)، އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފި އެވެ.
އާބަންކޯގެ އިސް އޮފިޝަލަކު ’ހަފްތާ‘ އަށް ވިދާޅުވީ، އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް އިސޫ ހަމަޖެއްސީ އިއްޔެ ކަމަށާއި މުވައްޒަފުންނަށް އޭނާ އިއްޔެ ތައާރަފުވެސް ކޮށްދިން ކަމަށެވެ.
އިސޫގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާ ކުރީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށެވެ.
އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި މަރާލުމަށް އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރި އެވެ.
އެ މައްސަލާގައި އިސޫ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ.
އިސޫ މިނިވަން ކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. އޭނާ ބަންދުން ދޫކޮށްލި އިރު ފައިގައި އެޅުވި ޓެގު ނައްޓަންވެސް އަމުރުކުރި އެވެ.
އެ ފަހުން ރައީސް މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި އިސޫ ވަރަށް އިސްކޮށް އުޅެފައިވެ އެވެ.

ގުޅުންހުރި
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ރާއްޖޭގެ ޔުނިވާސިޓީއަކުން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ބޭފުޅަކަށް ޝައިހް އިސްމާއިލް
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް