ސެޕްޓެމްބަރ 21, 2024

ރާއްޖެއާއި ޗައިނާއާ ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތަށް ކުރިޔަށް ގެންގޮސްފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ރައީސް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވިއެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި އުމްރާނީ ތަރައްޤީގައި ލިބިފައިވާ އެހީ ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން، ރަސްމީ ވާހަކަފުޅުގެ ތެރޭގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ނޫ އިޤްތިޞާދާއި ފެހި އިޤްތިޞާދުގެ އިތުރުން ޑިޖިޓަލް އިޤްތިޞާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިއެވެ.

މި ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ޤައުމަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply