ސެޕްޓެމްބަރ 21, 2024

އެލްޖީއޭގެ ނިންމުމަށް ތިނަދޫ ކައުންސިލުން ގޮންޖަހައިފި

ސިޓީ ކައުންސިލެއްގެ ބަދަލުގައި ގދ. ތިނަދޫގައި އޮތީ ރަށު ކައުންސިލެއް ކަމަށް ކައިންސިލްތަކުގެ ބެލެނިވެރިޔާ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުން ގާނޫނާ ޚިލާފު ކަމަށް ބުނެ، ތިނަދޫ ކައުންސިލުން އެ ނިންމުމަށް ގޮންޖަހައިފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތިނަދޫއަކީ ސިޓީއެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހިސާބުން، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ސިޓީ ކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އިތުރު އިންތިހާބަކާއި ނުލައި މި ވަގުތު އިންތިހާބު ވެފައިވާ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ރަށު ކައުންސިލަކުން ސިޓީ ކައުންސިލަކަށް ބަދަލު ކުރި އިރު ހުރި ފުށުއެރުންތައް ހައްލު ކުރުމަށްޓަކައި ތަކުރާރުކޮށް އެލްޖީއޭއަށް ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަށް އެ އޮތޯރިޓީން އިޖާބައެއް ނުދިން ކަމަށެވެ.

އެކަމަށް އިޖާބަނުދީ އެލްޖީއޭ އިން ނިންމި ނިންމުމަކީ އެކަމަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަށް ގޮންޖަހައި ނިންމި ނިންމުމެއް ކަމަށް ތިނަދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން، އިދާރީ ފުށުއެރުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެދިފައި ވަނިކޮށް އެކަމަށް އިޖާބަ ދިނުމެއް ނެތި، ބޯޑުން ނިންމި ނިންމުމާއި އެކަމާއި ގުޅޭ ގޮތުން އާންމު ކުރި ނޫސް ބަޔާން ބަލައި ނުގަންނަ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ. އަދި ކައުންސިލަށް މިހާރު ސިޓީ އެޑްރެސް ކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ”ތިނަދޫ ސިޓީ“އަށް ދީފައިވާ ހައިސިއްޔަތާ އެއްގޮަތަށް ”ސިޓީ“ގެ ނަމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ގާނޫނު އަސާސީގެ މާއްދާތަކާ ހަވާލާދީ އެލްޖީއޭ އިން ނިންމި ނިންމުމުގައި ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ނިމެންދެން ތިނަދޫގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށެވެ.