ސެޕްޓެމްބަރ 21, 2024

އާސަންދައިގެ ޚިދުމަތް ޔޫ.އޭ.އީ. އަދި ތައިލެންޑުން ލިބޭގޮތަށް ފުޅާކުރަނީ

އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫ.އޭ.އީ.) އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމުގައި ވަކި ޤައުމެއްގައި ހުންނަ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މި ބަދަލާއެކު މިހާރަށްވުރެ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަމުގައެވެ. އެގޮތުން ޔޫ.އޭ.އީ. އަދި ތައިލެންޑަށް އާސަންދައިގެ ޚިދުމަތް ފުޅާކުރައްވާއިރު އެކަން ކުރައްވާނީ އެކޮމަޑޭޝަންގެ ޚަރަދުވެސް އާސަންދައިގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިއްޔެ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗު 1 ގައި ފެށުމުން، ބޭސްފަރުވާ އަށް ބަލި މީހަކު ކުއްލި ހާލަތުގައި ތައިލެންޑަށް ގެންދަން ވިޔަސް ޑޭޝް 8 މަތިންދާބޯޓުގައި ގެންދާނެކަމަށެވެ. އަދި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަނީ އައިލެންޑް އޭވިއޭޝަންގައި މިހާރު ބޭނުންކުރާ ޑޭޝް 8 އެމްބިއުލާންސަކަށް ބދަލުކޮށްގެންނެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް، ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 17 ރަށެއްގައި ހުރި ޞިއްޙީ މަރުކަޒުތަކަށް، ލެބޯރެޓަރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީޒް، ޗައިނާގެ ހިލޭ އެހީގެ ދަށުން ދިނުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.