ސެޕްޓެމްބަރ 22, 2024

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ، ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ކަނޑައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ނޫން ދުވަހެއްކަމުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން ނަންބަރު 4/2019 ބާޠިލުކުރައްވާފައިވާކަން ހާމަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 5 ދުވަހުއެވެ.