ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 53 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ޖުމުލަ 34.6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 8 ނޮވެމްބަރު 2021ގަ އެވެ.
އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 114.56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.



