ނޮވެމްބަރ 24, 2024

ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓްރީ ކުރަން އަންގައިފި

ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓްރީ ކުރަން އިމްޕޯޓަރުންނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، ”ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު“ގައި ބަޔާންކުރާ ’ކަނޑައެޅިފައިވާ އުފެއްދުންތައް‘ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހުގައި ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ”ކަނޑައެޅިފައިވާ އުފެއްދުންތައް“ ރަޖިސްޓްރީ ކުރަމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް އެފަދަ ތަކެތި އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެހެންވެ އެމްއެފްޑީއޭ އިން ވަނީ އެ އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމަށް އަންގައިފަ އެވެ.

Leave a Reply