އަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން އެކަން ދިރާސާކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ހަތްވަނަ ދުވަހު އެވެ.
އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުއްވި އެވެ. އަދި އެކަން ދިރާސާކުރަން ވަގުތީ ކޮމިޓީއެއް އެކުލަވާލައި އިއްޔެ އާއި މިއަދު ވަނީ ބައްދަލުވުން ބާއްވައިފަ އެވެ.
އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ރޯދަ ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށާއި ވޯޓު ކަރުދާހުގައި ކެންޑިޑޭޓާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުން ހިމެނެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފަ އެވެ. އެއާއެކު މިއަދުގެ ވަގުތެއްގައި ތަޅުމަށް އެ ރިޕޯޓު ފޮނުވާނެ ކަމަށް، ކޮމިޓީޗެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި އެވެ.

ގުޅުންހުރި
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން
ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވައި ދިރިއުޅުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާ އެއްޗެއް:
ޝަރުތުތަކަކާއެކު މަންޑޭ ބަންދުން ދޫކޮށްލައިފި
ހަމަސް ތެރޭގައި އެމްޑީޕީއަށް އިތުރުވީ 10 މެންބަރުން
މާލޭ ގެއެއްގައި ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި