އޮކްޓޯބަރ 5, 2024

މަކުނުދޫ އެއާޕޯޓް މި އަހަރު ތެރޭ ނިންމާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި

ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްްވައިފިއެވެ.

މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރަން ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި، ދަތުރު ކުރަން ފެށޭނީ ކޮން އިރަކުންތޯ އޮޅުން ފިލުވުމަށް އެ ރަށުގެ އަންހެނަކު ”ރައީސްގެ ޖަވާބު“ ސެގްމަންޓްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަކުނުދުއަކީ އެކަހެރިކޮށް އޮންނަ ރަށެއް ކަމަށެވެ. އަދި އެރަށަކީ އެހެން ރަށްތަކާ ހިލާފަށް ދަތުރުފަތުރު ކުރުމުގައި ވެސް ދަތި ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިހާރު މަސައްކަތް ފެށިފައިވާ މަކުނުދޫ އެއާޕޯޓްގެ މަސައްކަތަކީ މި ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށެވެ. މަކުނުދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން 1،500 މީޓަރަށް ހަދަން އޮތް ރަންވޭ 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށެވެ. އެއާ އެކީގައި އިތުރު ކުރިއެރުން ވެސް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މި އަހަރު ނިމެންވާ އިރަށް އަޅުގަނޑުމެން މި ބަލަނީ އެއާޕޯޓު ހުޅުވޭތޯ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،“ ރައީސް ވިދާޅުވިއެވެ.