އެމްޑީޕީއަކީ ހިތްވަރު އެލޭނެ އަދި ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ރާއްޖެ އަލުން ހަމަމަގަށް އަޅުވާނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމާއި އެ ޕާޓީގެ ކެންޑިޑޭޓުން ތައާރަފުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށެވެ. އެހެންވެ އެމްޑީޕީން މިއަދު ނުކުމެ މި ތިބީ ރައްޔިތުން ގޮވާ ގޮވުން އެނގިގެން، އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާއެކު މި ސަރުކާރު ހަމަމަގަށް އަޅުވަން ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އިގުތިސާދު މެނޭޖެއް ނުކުރެވުނު ކަމަށާއި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ދޭން ވައުދުވި ޑޮލަރެއްވެސް ނުދެވުނު ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ބާކީވެ، އަނިޔާވެރިކަން ތިލަވެ، ހައްގުތައް ހަނިވެ، މުއައްސަސާތަކަށް އަތްބާނަން ފަށައިފި ކަމަށާއި ނޫސްވެރިކަމުގައި ތަޅުއަޅުވަން ފަށައިފި ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ކުރިމަތީގައި މިވަނީ ކުރިން އަޅުވާފައި އޮތް ފިލްމެއް. ބާވެފައި އޮތް ފިލްމެއް. ދިވެހި ރައްޔިތުން ނޫނެކޭ ބުނި ފިލްމެއް. އަލުން އެ ފިލްމު އަޅުވާކަށް ޖާގައެއް ދެވިގެން ނުވާނެ. މި ފިލްމުގައި ފެނުނު މަންޒަރުތައް ހަނދާނުގައި އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ ނަގައި ގޭޓު މަތިން ބޮޑު ކަންނެލި އުކާހެން އުކާލީ. ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ގެންގޮސް ކުޑަގޮޅީގައި ބޭއްވި. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ހުރިހާ ބޭފުޅުން ގެންގޮސް ބޭއްވީ ޖަލުގައި. އެތައް ބައިވަރު ބަޔަކު ތިބީ ޖަލުގައި. މިދަނީ މިސްރާބު ނުބައިވެގެން،“ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މި ސަރުކާރު އެއްގޮތަށްކޮށް ޝާހިދު ވިދާޅުވި އެވެ.

ގުޅުންހުރި
އަބްދުއްރަހްމާން މަރާލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
އަގުބޮޑު އިނާމް ތަކާއި އެކު އެސްޓީއޯ ”މެގަ ސޭލް ޕްރޮމޯޝަން“ ފަށައިފި
މެލޭޝިއާގައި ހުކުރު އަޅާ މީހުން 2 އަހަރަށް ޖަލަށް ލަނީ