އޮކްޓޯބަރ 6, 2024

އަޒާން ބުނަނީ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ދުވަހަކުވެސް ނުބުނާ ކަމަށް

ރާއްޖޭގައި މަރުކަޒުވެގެން އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ދުވަހަކުވެސް ނުބުނާ ކަމަށް، ސަރުކާރުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ، ނޫސްވެރިޔާ އަހުމަދު އަޒާން ބުނެފި އެވެ.

އަޒާން އެހެން ބުނީ، ރޭ ހޮޓެލް ޖެންގައި ’އާސްކް އަޒާން’ގެ ނަމުގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި މީހަކު އެކަން ސާފުކޮށްދޭން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

”ސިފައިންގެ ވާހަކަ ދޯ. އެއީ ވެސް ވަރަށް ދިގު ވާހަކައެއް. ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގައި އިންޑިއާގެ 2000 ސިފައިން އެބަތިއްބޭ، އަހަރެން ބުންޏޭ، ދުވަހަކު ވެސް އަހަރުން ދެއްކި ވާހަކައެއް ނޫން. ދުވަހަކު ވެސް އެއްވެސް ތަނަކު އަހަރެއް ދެއްކި ވާހަކައެއް ނޫން. ފޭސްބުކްގައި ވިޔަސް، ޓްވިޓާގައި ވެސް، ފަބްލިކް ފޯރަމެއްގައި ވިޔަސް އަހަރެން ދެއްކި ވާހަކައެއް ނޫން،“ އައްޑޫ ބަހުން ޖަވާބު ދެމުން އަޒާން ބުންޏެވެ.

އަޒާން އެހެން ބުނި ނަމަވެސް ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އަޒާން ޓުވީޓުކޮށްފައިވެ އެވެ. އެ ޓުވީޓު އޭނާކުރީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ކުރެއްވި ޕޯސްޓަކަށް ރައްދު ދީ ކުރި ޕޯސްޓެކެވެ.

އޭގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އިތުރުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެވެސް އަޒާން ޓުވީޓު ކޮށްފައިވެ އެވެ.

އޭގެ އިތުރުން އަޒާންގެ ހިއްސާ އޮންނަ ދިޔަރެސް ނޫހުގައި 3 މެއި 2023 ގައި ޝާއިއު ކޮށްފައިވާ ހަބަރެއްގައިވެސް ރާއްޖޭގައި މުޅިއަކު 2،000 އާ ގާތްކުރާ އަދަދަކަށް އިންޑިއާ ސިފައިން ތިބި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ހަބަރުން އެބައި މިހާރު ވަނީ އުނިކޮށް، ހަބަރު އެޑިޓްކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އެންމެ ފުރަތަމަ މި ސަރުކާރުން ހާމަކުރީ ނޮވެމްބަރު 19، 2023 ގަ އެވެ. އެ ދުވަހު ރައީސް އޮފީހުން ބުނީ ރާއްޖޭގައި ތިބީ ޖުމްލަ 77 ސިފައިން ކަމަށާއި އެއީ ހެލިކަޕްޓަރު އުދުހުމުގެ މަސައްކަތާ ހަވާލުވެގެން ތިބި 50 ސިފައިންނާއި ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބި 25 ސިފައިންގެ އިތުރުން އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެ ސިފައިންނެވެ.

ނަމަވެސް ސަރުކާރުން ފަހުން ހާމަކުރި މައުލޫމާތުގައި ރާއްޖޭގައި ތިބި ސިފައިންގެ އަދަދަކީ 89 އެވެ. އެއީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ މިލިޓަރީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން ހިމަނައިގެން އިތުރުވި އަދަދު ކަމަށް ސަރުކާރުން ބުނެ އެވެ.