އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ހާއްސަ ކެމްޕޭނެއް ލޯންޗުކޮށްފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ”އަޅާލުން“ގެ ނަމުގައި ފެށި އެ ކެމްޕޭން ލޯންޗު ކޮށްދެއްވީ އިއްޔެ ސަ ސަމާސެޓް ހޮޓަލުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނު މަހާވަރްއެވެ.
މިއަދުން ފެށިގެން 7 މާރިޗު 2026ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕޭންގެ ދަށުން ބްރިޖިން ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް) އަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމާއި ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުން އަދި ކައުންސިލިންގެ ހިދުމަތް ހިލޭ ފޯރުކޮށްދިނުން ހިމެނެ އެވެ.
އޭގެ އިތުރުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގަވާއިދުން މައުލޫމާތު ދިނުމާއި ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
އަޅާލުން ކެމްޕޭންގެ ލޯގޯގައި ހިމެނެނީ ކާލިގަނޑު މިޔަރެކެވެ. މިއީ އާންމުކޮށް ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުން ފެންނަ، ހާއްސަ ސިފަތަކެއް ލިބިގެންވާ މިޔަރެކެވެ. އެގޮތުން ގިނަ މިޔަރުގެ ބާވަތްތަކަށްވުރެ ލޯއަލިވެ ފެނުމުގެ ބާރު ގަދަވުމާއި ފޮރުވިފައިވާ ތަކެތި ދެނެގަތުމުގެ ސެންސަރީ ބާރު ލިބިފައިވުން ހިމެނެ އެވެ.
ބީސީއެމުން ބުނީ، ކާލިގަނޑު މިޔަރު ފަދައިން އަޅާލުން ކެމްޕޭންގެ މަގުސަދަކީ މުޖުތަމައުގައި ހުރި ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާގެ މައްސަލަތަކުގެ އެންމެ ފުނަށް ފީނައި، މައްސަލަތައް ނުކުތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ކޮންމެ މައްސަލައަކަށް ވެސް އެންމެ ފުރިހަމަ ހައްލު ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

ގުޅުންހުރި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި
މަހަށް ނުކުތް ޒުވާނުންތަކެއް މާވަހަރެއް ހޮވައިފި
ޓްރީ ޓޮޕާއި އޭޑީކޭ އިން މިދިޔަ މަހު ފަރުވާ ހޯދި މީހުނަށް
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި