ނޮވެމްބަރ 24, 2024

އެއާ ކޯ އުފެއްދިގެން ދިޔުމުން އެނގެނީ މިނިވަންކަން އަމިއްލައަށް ބެލެހެއްޓޭނެކަން: ޗީފް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށް ސިފައިންގެ ހާއްސަ ފައުޖެއް ކަމަށްޗާ އެއާ ކޯ އުފެއްދުމުން އެނގިގެންދަނީ ރާއްޖޭގެ މިނިވަންކަން އަމިއްލައަށް ބެލެހެއްޓޭނެކަންކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ނ. މާފަރުގައި އެމްއެންޑީއެފްގެ އެއާ ކޯ އަދި ޑްރޯން ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި އެއާ ފޯސްއެއްގެ ތާރީހެއް އޮތް ނަމަވެސް، އެ ހިދުމަތް ބަރޯސާވެފައިވަނީ ބޭރުގެ ބައެއްގެ އަތްމައްޗަށް ކަމަށެވެ.

”މިއީ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނަ މިނިވަން ދިދައަށް ވިހުރިލަން ލިބޭ ހިތްވަރާއި ބާރެއް. މިއީ ދިވެހިންނަށް، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމާއި އެ ގާބިލްކަން ދިވެހިންނާއި އަސްކަރިއްޔާގެ ކިބައިގައި އެބަހުރިކަން އެނގި، ހާމަވެގެންދާނެ ކަމެއް.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުން ނަފާ ހޯދައިގެން ކައިބައިގެން އުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެއާ ކޯގެ ހިދުމަތާއެކު ކަށްވަރުވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ރެއާ ދުވާލު ހުއްޓުމެއް ނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލްކަން ސިފައިންނަށް ލިބުމަކީ ކާބަފައިން،  ލެެއާ ފުރާނައިން ގައުމަށް ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ ހައްގުގައި އެޅިގެން ދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ދިވެހި ގައުމުގެ ސަލާމަތްރެތިކަން ކަށްވަރުކޮށްދިނުމަށް ހޯދާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަދި އެއްވެސް ފަސްޖެހުމެއް ނެތި ރެއާ ދުވާލު ބޭނުން ކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.