ނޮވެމްބަރ 25, 2024

ދަމުނަމާދުކުރަން ހިތްވަރުކުރާށެވެ

ނަމާދަކީ ލޯތަކުގެ ފިނިކަމެވެ. ހިތްތަކުގެ ހަމަޖެހުމެވެ. ރޫޙުގެ ދިރުމެވެ. ފުރާނައިގެ ކާނާއެވެ. ނަމާދުތަކުގެ ތެރެއިން ފަރުޟު ނަމާދަކީ މުސްލިމުން އިސްލާމްކަންމަތީ ބައިތިއްބާ އަޅުކަމެވެ. ފަރުޟުނަމާދު ގަސްތުގައި ދީކޮސްލި މީހާ ފަފަވެރިވާނެއެވެ. ސުންނަތް ނަމާދަކީ މީހާގެ ތަޤުވާވެރިކަން އިތުރު ކުރުވާ، ތަވާޟަޢުވެރިކަމާއި ޒުހުދުވެރިކަމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ކުރުކޮށް ބުނާ ނަމަ ސުންނަތް ނަމާދު ކުރުމަކީ މަޚްލޫޤާ ޚާލިގާ ގަތްކޮށްދޭ ވަޞީލަތެކެވެ.

ސުންނަތް ނަމާދުގެ ތެރެއިން ވެސް ރޭގަނޑު ދަންވަރު ސަހޫރުގެ ވަގުތުގައި ކުރާ ތަހައްޖުދު ނަމާދަކީ އަޅުގަނޑުމެނަށް އޭގެފައިދާ އިންތިހާއަށް ބޮޑު ނަމާދެކެވެ. ތަހައްޖުދު ނުވަތަ ދަމުނަމާދަކީ އޭގެ މާތްކަމާ ބެހޭގޮތުން ޤުރުއާނާއި ސުންނަތުގައި ވަރަށްގިނަ ވާހަކަ ބަޔާންވެގެން އައިސްފައިވާ ނަމާދެކެވެ. ނިދީގެ ލައްޒަތު ދޫކޮށް އަރާމުތަންމައްޗާ ބުރަކަށިތައް ދުރުކުރާކުރުމީ ފުރިހަމަ މުއުމިނުންގެ ސިފައެއް ކަމަށް ބަޔާންކުރައްވައި މާތް ވަޙީކުރެއްވިއެވެ. ﴿تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ﴾ (السجدة: ١٦) މާނައީ: [އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއިއުންމީދާ އެކު ދުޢާކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށްދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ.] މި އާޔަތާއި އޭގެ މާނަ ކިޔައިލުމަކުން ކަމުގެ ބޮޑުކަމާ މާތްކަން އިޙުސާސް ނުވެދާނެއެވެ. މިއީ ﷲއަށް ބިރުވެތިވާ މީހުންނަށް ނޫނީ ނުވިސްނޭނޭ ވާހަކައެވެ. ސުވަރުގެއަށް އެދުންވެރިވާ މީކަކަށް ނޫނީ އުންމީދު ނުކުރެވޭނޭ ކަމެކެވެ. ނަރަކައަށް ބިރުވެތިވާ މީހުންނަށް ނޫނީ ހިތްވަރު ނުލިބޭނޭ އިޝާރާތެކެވެ.

އާދެ! ﷲއަށް ބިރުވަތައިގެން، ނަރަކައިން ސަލާމަތްވެ ސުވަރުގެއަށް ވަނުމަށް އެދޭ                                                                                                                                      މީހުންގެ ނިދި ނަގައިލާ ދަމުނަމާދުގައި ކޮޅަށް ތިބޭ ތިބުމުގެ ބަދަލުގައި އެބައިމީހުންނަށް ދެއްވާން ﷲ ވަޢުދުވެވޮޑިގެންފައި ވަނީ ކޮންފަދަ މަތިވެރި ސަވާބެއްތޯއެވެ. ލޯތަކަށް ފޮރުވިފައިވާ އުފާވެރިކަމެކެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. ﴿فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴾ (السجدة: ١٧) މާނައީ: [ފަހެ، އެއުރެންނަށް ޓަކައި ފޮރުއްވާފައިވާ ލޮލުގެފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފުސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެޖަޒާއެއް ކަމުގައެވެ.]

ހާރުދަމުގެ ވަގުތު މާތް ﷲއަށް އިސްތިޣްފާރުކޮށް ފާފަފުއްސެވުން އެދި ދަންނަވާ މީހުންގެ ބުރަ މަސައްކަތާއި އެ ކަމުގެ ސިފަ ބަޔާންކުރައްވައި މާތް ﷲ އެންގެވިއެވެ. ﴿ كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ﴾‏ (الذاريات: ١٧) (السجدة: ١٧) މާނައީ: [އެއުރެން ނިދައިއުޅުނީރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.] ﴿ وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ﴾‏ (الذاريات: ١٨) މާނައީ: [އަދި އެއުރެން ހާރުދަމުގައިފާފަފުއްސެވުމަށްއެދި ދުޢާކުރެތެވެ.]

ލޮބުވެތި ކިޔުންތެރީންނޭވެ! ދަމުނަމާދަށް ނަފުސުތައް ހާނުވާށެވެ! ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ އެކަލޭގެފާނުގެ ޞަޙާބީނަސް ދަމުނަމާދު ކުރެއްވުމަށް ބާރުއަޅުއްވައިފައެވެ. އެގޮތުން ޒުވާން ޞަޙާބީބޭކަލެއް ކަމުގައިވާ ޢަބްދުﷲ އިބްނު ޢުމަރު رَضِيَ اللهُ عَنْهُمَاއަށްޙަދީޘްކުރެއްވިއެވެ. نِعْمَ الرَّجلُ عبدُ اللَّهِ لَو كانَ يُصَلِّي مِنَ اللَّيْلِ“(متفق عليه)  މާނައީ: ”ރޭއަޅުކަން ކުރައްވައި އުޅުއްވާ ނަމަ،ޢަބްދުﷲ އަކީ، ހައުދަހައިވާ ރަނގަޅު ބޭކަލެކެވެ.“ އިބްނު ޢުމަރު رَضِيَ اللهُ عَنْهُގެ ދަރިކަލުން ސާލިމް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. [މި ބަސްފުޅުއިވިވަޑައިގަތުމަށްފަހު ތިމަންގެ ބައްޕާފުޅު ރޭގަނޑުގެ ވަރަށް މަދު ވަގުތުކޮޅަކަށްމެނުވީ ނިދި ނުކުރައްވައެވެ.]

ޢާލަމްތަކުގެ ވެރި އިލާހު، ރޭގަނޑު ތިން ބައިވާ ހިނދު، ދުނިޔޭގެ އުޑަށްނުޒޫލުވެވޮޑިގަންނަވައެވެ. އަދި ކަންކަމު އެދޭމީހުންނަށް އެއީ ރަނުގެ ފުރުޞަތެއްކަމުގައި ލެއްވެވިއެވެ. ވަރަސް ތަފްޞީލީ ގޮތެއްގައި އެވާހަކަތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ صَلَى اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްފުޅުކުރެއްވިއެވެ. «يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى إِلَى السَّمَاءِ الدُّنْيَا كُلَّ لَيْلَةٍ حِيْنَ يَبْقَى ثُلُثُ اللَّيْلِ الآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيْبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَه، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ» (متفق عليه.) މާނައީ: [ކޮންމެ ރެއެއްގެތިންބައިކުޅަ ފަހު ބައިގައި މާތް ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ބަސްފުޅުވަޙީކުރައްވާނެތެވެ. ތިމަން އިލާހަށް ދުޢާ ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެމީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަކުރައްވައި ހުށީމެވެ. ކަމަކަށް އެދި ތިމަންއިލާހަށް ދަންނަވާނީ ކާކު ހެއްޔެވެ؟ ފަހެ، އެ މީހަކު އެދޭ ކަމެއް ތިމަން އިލާހު އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަ ފުއްސެވުމަށް އެދި ތިމަން އިލާހަށް ދަންނަވާނީކާކު ހެއްޔެވެ؟ ފަހެ، އެ މީހަކަށް ތިމަން އިލާހު ފާފަ ފުއްސަވައި ދެއްވާހުށީމެވެ.]

ދަމުނަމާދުން ލިބޭ މަތިވެރިކަމާއި މާތްކަން ލިބިގަތުމަށް އަވަސްވެގަންނާށެވެ. އެ ނަމާދުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާކުއްތަންވެވުމާއި ފާފަތައް ފުހެވުމާއި ފާފައަށް ނަފުރަތްތެރިވުމާއި އާޚިރަތުގެ ނިޢުމަތްތަކަށް ޝައުޤުވެރިވުން ހިމެނެއެވެ. މީގެ އިތުރަށް ދަމުނަމާދުކުރާ މީހުންގެ މޫނު އުޖާލާވެ ހިތް އަލިވާނެއެވެ. އަދި އޭނާއަށް ދުޅަހެޔޮ ޞިއްޙަތެއް ލިބުމާއި ބަލިތަކަށް ޝިފާލިބުން ވެސް ހިމެނެއެވެ.

ދަންވަރުގެ ވަގުތު މީސްތަކުން ގަދަ ނިދީގައި ތިއްބާ ތިބާ ތެދުވެ އަޅުކަމުގެ އަތް އުފުލާށެވެ. އާދޭހުގެ އެދުންތައް މަތިވެރިވެގެންވާ އިލާހަށްދަންނަވާށެވެ! ތިބާގެ މުޅިޙަޔާތް އުފާވެރިކަމަށް ބަދަލުވާހުއްޓެވެ. ދުނިޔޭގެ ނުތަނަވަސްކަމުން ތިބާގެ މޭ ޠާހިތުވެ ތަނަވަސް ވެދާހުއްޓެވެ! އާޚިރަތުގެ އަޒާބުން މިންޖުވެ ސުވަރުގެ ވަދެވޭހުއްޓެވެ.

Leave a Reply