އޮކްޓޯބަރ 5, 2024

މަޖިލީހަށް ހާޒިރުނުވެ 3 މަހު މުސާރަ ނެގުމަށްފަހު ބާކީ އޮތް ދެމަހު މުސާރަ އުނިކޮށްދޭން ނަޝީދު އެދިއްޖެ

ދައުރުގައި ބާކީ އޮތް މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނަށް ލިބޭ މުސާރަ އުނިކޮށްދެއްވުމަށް އެދިވަޑައިގެން މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތްކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރެއްވުމަށް ފަހު ނަޝީދު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފަ އެވެ. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމްސީލު ކުރައްވަން ތިން މަސް އޮއްވައި، އެ މަނިކުފާނު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ކުރިއަށް އޮތް ދެ ތިން އަހަރަށް އެ ސިޓީއަކީ އެ މަނިކުފާނުގެ ގެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ މަނިކުފާނު ގާނާއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވީ ވަކި އެއްޗެއް މަޖިލީހަށް ނާންގަވައި، ޗުއްޓީއެއްވެސް ނުނަންގަވަ އެވެ. އެހެންކަމުން މިދިޔަ ތިން މަހުވެސް މަޖިލިސް މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަށް ނަޝީދު އިއްޔެ ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސީވީއެފްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމަށް ގާނާއަށް މި ވަގުތު ހުންނެވި ނަމަވެސް އެއިން ކޮންމެ ކަމެއްގައި ރަސްމީކޮށް ކަންކަން ހިންގުމަށް ވަރަށް ވަގުތު ނަންގަވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތާވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައް ކަމެއް ކުރެވި މިދިޔަ މާޗު މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމަންޓުން ސީވީއެފް ސެކްރެޓޭރިއެޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

”އެހެންކަމުން އޭޕްރިލް 2024 އިން ފެށިގެން މި ދައުރުގައި ބާކީ އޮތް މުއްދަތަށް އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށް ދެއްވުމަށް ދަންނަވަމެވެ،“ ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ އިންތިހާބު މި މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.