އޮކްޓޯބަރ 5, 2024

ބަނޑަށް ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދެނީ

ބަނޑަށް ޖެހިފައިވާ ގާޒާގައި ރައްޔިތުންނަށް ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރައްވަން މަސައްކަތް ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން ވީހާވެސް އަވަހަށް އަދި ސީދާކޮށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ އޮކްޓޯބަރު މަހު ދޭން ފެށި ހަމަލާގެ ބަދަލެއްގެ ގޮތުން އެ ގައުމުން ގާޒާއަށް ދެމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ހަމަލާތައް އަދިވެސް ކުރިއަށްދާ އިރު، ކާބޯތަކެއްޗާއި ބޯފެން ނުލިބިގެން ގާޒާގައި ބަނޑަށް ޖެހިގެން މަރުވާ މީހުންނާއި ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެ ހަނގުރާމައިގެ ވަރަށް ކުރީކޮޅު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވައިފަ އެވެ. ނަމަވެސް އެ ތަކެތި ފޮނުވުމުގައި ހުރި ދަތިތަކާ ހެދި އެކަންވާ ގޮތެއް އަދި ނުވެ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މަސްދަޅުތައް ފޮނުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަސް އެކަމަށް އޮތީ ވަރަށް އުނދަގޫ މަގެއް ކަމަށެވެ. އެހެންވެ މިސްރުގެ ސަރުކާރާ ވާހަކަ ދައްކައިގެން ފަލަސްތީނު ރައްޔިތުންނާ ހަމައަށް މަސްދަޅުތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.