މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިރޭ އާންމުވެފައިވާ އެ ވީޑިއޯއަކީ ކޮންއިރެއްގެ ވީޑިއޯއެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ނަމާދު ކުރަމުންދިޔަ ވަގުތެއްކަން ވީޑިއޯ އިން އިނގެ އެވެ.
ވީޑިއޯ އިން ފެންނަނީ ފުރާވަރު އުމުރެއްގެ ދެ ކުއްޖެއް ކަމަށް ބެލެވޭ ދެ ކުއްޖަކު، އެހެން ކުއްޖެއްގެ ގައިގާ ތަޅާ އަނިޔާކުރާ މަންޒަރެވެ. އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ މޫނު ވީޑިއޯގައި ހުރީ ފުސްކޮށްފަ އެވެ.
އެގޮތުން އެ ކުއްޖާގެ ބޮލުގައާއި ބުރަކަށީގައި އަދި ކަންކަށިމަތީގައި އެތައް ފަހަރަކު ތަޅައި މައާފަށް އެދެން ބުނާ އަޑުއިވެ އެވެ. އަދި ވީޑިއޯގެ ވަކި ހިސާބަކުން ކުއްޖާގެ އަތުގައި އޮތް ފެންފުޅި ނަގައި ބޮލަށް އޮއްސާލައި ސުޕާރީ ޕެކެއްޓެއް ދިރުވާލަން އަންގައި ބިރު ދައްކާ އަޑުވެސް އިވެ އެވެ. އަދި ފަހުން ކުޑަކަކޫ ޖައްސުވައި ކުއްޖާ ކޮންމެވެސް ކަމަކަށް މާފަށް އެދެންވެސް މަޖުބޫރު ކުރުވަ އެވެ.
ފަހުން އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ ރުއިން ފަޅައިގެން ގޮސް، އަނިޔާ ނުކުރުމަށް އާދޭސް ކުރާ އަޑު އިވެ އެވެ. އެގޮތުން ”ޕްލީސް“، ”ދެންހޮޔޮ“ ކިޔައި ރޮމުން އަނިޔާ ނުކުރުމަށް އެދެމުންދިޔަ އެވެ.
ދެ މީހަކު ވެގެން ކުއްޖާއަށް އަނިޔާކުރި އިރު، އެ މަންޒަރުތައް ވީޑިއޯ ކުރަން ހުރި މީހާ ހެމުންދިޔަ އަޑުވެސް ވީޑިއޯއިން އިވެ އެވެ. ކުއްޖާއަށް އަނިޔާކުރުން ހުއްޓާލައި ފަހާނައިން ނުކުމެގެން އެ މީހުން ދިޔައީ ސަލާމް ގޮވުމުންނެވެ. އޭރުވެސް ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ ރޮމުންދާ މަންޒަރު ފެނެ އެވެ.
މި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ އއ. ރަސްދޫގައި ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.



ގުޅުންހުރި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް
ޕީސީއާރް ޓެސްޓިންގެ ހިދުމަތްދީ، ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރަކަށް