އޮކްޓޯބަރ 6, 2024

ގިރާވަރުފަޅުން ދޫކުރި 1،300 އަށްވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޭން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރަން ނިންމި 1،300 އަށްވުރެ ގިނަ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅައި ކަމަށެވެ.

އެހެންވެ، އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާ އެކު، ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެ ތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅަށް ބަދަލުކުރަން ނިންމި ގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

 

މިނިސްޓްރީން ބުނީ ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބުނު މީހުން، މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ނަމަ، އެ ފުރުސަތު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެން ކަމަށްވެސް ބުންޏެވެ.

ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ގޯތިދޭއިރު އެ ތަނުން ގޯތި ލިބިދާނެތޯ، ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.