ކުރީގެ ރައީސް އަދި ޕީޕީއެމްގެވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވި އިރު، އެ މަނިކުފާނުގެ ދިފާއުގައި އެންމެ މުޒާހަރާއަކަށްވެސް ނުކުމެވަޑައި ނުގެންނެވީ ކީއްވެގެންތޯ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ 11 އަހަރަށް ޔާމީން ޖަލަށް ހުކުމް ކުރުމުން އެ މަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އަދި އިޖުތިމާއީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ފާތުން ނިންމެވީ ސިޔާސީ ކަންކަމާ ދުރުވެ، ގެކޮޅުގައި ހުންނަވާށެވެ.
ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ހޯއްދެވުމަށް ފާތުން ނުކުމެވަޑައިގެން، އެއްވުންތަކާއި މުޒާހަރާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ ޔާމީންގެ ވެރިކަން ނިމުނު ފަހުން އާންމުންގެ ތެރެއަށް ފާތުން ނުކުންނެވި ފުރަތަމަ ފަހަރެވެ.
ޔާމީން މިވަގުތު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިން ލުއިތަކާ އެކު ގޭބަންދެއްގަ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދުރޭ ވިދާޅުވީ، ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރެއްވި މީހުން ދެކެފައިވާ ކަމަށެވެ.
އެގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރުކުރުމުން އެ ބޭފުޅުންގެ އަނބިކަނބަލުން މުޒާހަރާތަކަށް ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ނުކުމެވަޑައި ނުގެންނެވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.
”އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީން އެ ހުރިހާ ދުވަހު ޖަލުގައި އޮތްއިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒެއިން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންތޯ؟“ އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހުލާސްތެރިންގެ ވާހަކަ ދައްކާއިރު އެ ބޭފުޅުން ތިއްބެވީ މިއަދު މި އޮތް ސަރުކާރުގައި ކަމަށެވެ. އަދި އެގޮތަށް ބުނަން ކެރެނީ އެކަން ދެކެ ތަޖުރިބާކޮށްފައިވާތީ ކަމަށްވެސް ވިދާޅުވި އެވެ.
”ވަރަށް އަސަރުކުރޭ އަޅުގަނޑުމެންނަށް. ހާދަބޮޑު ގުރުބާނީއެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލުގައޭ އަޅުގަނޑުމެން އުޅުނީ،“ ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ދެ ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އަދުރޭ ވިދާޅުވި އެވެ.
ގުޅުންހުރި
ފުރުގާން މިސްކިތަށް ގެއްލުންދީ ހަތިމުތައް އުކާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހީމް، ނަޝީދުއާ ބައްދަލުކުރި ވާހަކަ ދޮގުކޮށްފި
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ
ކުޑަކުދިންނަށް ދޭ ސިރަޕަކުން ނުރައްކާތެރި ކެމިކަލެއް ފެނިގެން ވިއްކުން މަނާކޮށްފި
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމި
ސީއެސްސީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހޯދައި ޖާސޫސު ކުރަމުންދާތާ އެތައް ދުވަހެއް!