ނޮވެމްބަރ 26, 2024

ކުށް ކުރާ ކުދިން އާއިލާތަކާ ވަކިކޮށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން: ޖަމިއްޔާތައް

ކުށް ކުރާ ކުދިން ނުވަތަ ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމާބެހޭ ގޮތުން ސަރުކާރުން އިސްކުރައްވާފައިވާ ސިޔާސަތަކީ އެންމެ ރަނގަޅު ސިޔާސަތު ނޫން ކަމަށް މަދަނީ ބައެއް ޖަމިއްޔާތަކުން ބުނެފިއެވެ.

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)، ފެމިލީ ލީގަލް ކްލިނިކް، ހޯޕް ފޯ ވިމެން، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އުތެމާ އިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނީ ހަނގާ ކުރުން ފަދަ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރަކު މައްސަލާގައި ޝާމިލުވާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ ބަދަލުގައި މަރުކަޒުކުރުމަށް ގޮވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމުގެ ސިޔާސަތަކީ އެފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެ ޖަމިއްޔާތަކުން ބުނީ، މަރުކަޒުކުރެވިގެން މިހާތަނަށް ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ނަތީޖާއަށް ބަލާއިރު ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި ބަޖެޓް އަދި ޓެކްނިކަލް އެކްސްޕަޓީޒް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ބަލާއިރުވެސް އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ހައްޔަރުކުރުމާއި ބަންދު ކުރުމަކީ އެންމެ ފަހުގެ ފިޔަވަޅުގެ ގޮތުގައި ބަލައި، ކުއްޖާ ޒިންމާ ނެގުމަށާއި މުޖުތަމައަށް އަނބުރާ ގެންނަން ބާރު އެޅުން ކަމަށެވެ.

”ކުއްޖާ އިސްލާހުކުރަން އެންމެ ރަނގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ދައްކަ އެވެ. އަދި މަރުކަޒުކުރުމުން އިޔާދަކުރެވޭ ބޮޑެތި ނަފުސާނީ ގެއްލުން ލިބުމާއި މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރެވެއެވެ.،“ ޖަމިއްޔާތަކުގެ ބަޔާނުގައިވެ އެވެ.