ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ދެން ފެނިގެންދާނީ ދުވެލި އަވަސްކޮށް، އަމަލުން ކަން ކުރާ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެ އެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދަތި އުނދަގުލުގެ ތެރެއިން ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި މަޖިލިސް މެޖޯރިޓީ އާއެކު ދެން ފެށިގެންދާނީ ރާއްޖެ ތަރައްގީވުމުގެ މަސައްކަތް ކަމަށެވެ.
”އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓް މެމްބަރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ އިއްޒަތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ތި ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ އަޅުގަނޑު ވައުދުވީ ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.
”އަަޅުގަނޑު ހަގީގަތުގައި ވެސް ބޭނުމެއްނުވޭ މާގިނަ ވާހަކަތަކެއް ތަކުރާރުކުރާކަށް ދައްކަން އޮތީ އެއް ވާހަކައެއް. ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް އަޅުގަނޑު ދެން އިސްކުރަން ބޭނުންވަނީ އަމަލުކުރުން“
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ނުބައި މިސްރާބަކަށް ގައުމު ދަނިކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް އަނެއްކާވެސް ގައުމު ގެނެސްދީފައިވާ ކަމަށެވެ. އަދި މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދިނުމުން ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި ތަރައްގީ އަދި ހަމަޖެހުންކަން ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން