ފަލަސްތީނަށް، އދ.ގެ ފުރިހަމަ މެންބަރުކަން ލިބުދިނުމަށް ގޮވާލައި ޔުނައިޓެޑް އަރިބި އެމިރޭޓްސް (ޔޫއޭއީ)ން ހުށަހެޅި ގަރާރު، އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކުރުމަކީ އިންސާފު ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ލިބުނު ތާރީހީ ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އ.ދ. އިން މިއަދު ބޭއްވި ބައްދަލުވުމުގައި ޔޫއޭއީއިން ވަނީ ”އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް“ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރުގައި ޔޫއޭއިން ބަޔާންކޮށްފައިވަނީ ފަލަސްތީނަކީ އދ.ގެ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށާއި އދ.ގެ ގައުމުތަކުގެ ބޮޑު ތާއީދެއް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް އޮންނަ ކަމަށެވެ. އެ ގަރާރު ރާއްޖެއިން ވަނީ ކޯ ސްޕޮންސޯ ކޮށްފައެވެ.
ޔޫއޭއީން ހުށަހެޅި އެ ގަރާރަށް 143 ގައުމަކުން ވަނީ ތާއީދުކޮށްފަ ވޯޓު ދީފަ އެވެ. ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަވަންތަކަމުގެ ހައްގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އެތައް ދުވަހެއް ވެފައިވާ ކަމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިގެން ދިޔުމަކީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ކާމިޔާބީ އެއް ކަމަށެވެ.
”ފަލަސްތީނު ރައްޔިތުންގެ ގުޑުވައިނުލެވޭ ހިތްވަރާއި ވިލުންވެރިކަމުން ދިވެހިންވެސް ނަމޫނާ ލިބިގަންނަން،“ ރައީސް ވިދާޅުވިއެވެ.
އެ ގަރާރު ފާސްކުރުމަށް ވޯޓު ދީފައިވާ ގައުމުތަކަށް ރައީސް ވަނީ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

ގުޅުންހުރި
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް
ޔޫކޭއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކުރީ 153،000 ރުފިޔާ
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ