ނޮވެމްބަރ 28, 2024

”ސީ-ޓު-އެއާ“ ކާގޯ ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް: ބަންގާޅުން ރާއްޖެއަށް، ރާއްޖެއިން ޖަރުމަނަށް

”ސީ-ޓު-އެއާ“ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ފުރަތަމަ ޝިޕްމަންޓް ފޮނުވައިފި އެވެ.

”ސީ-ޓު-އެއާ“ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތަކީ އެއް ގައުމުން އަނެއް ގައުމަށް ގެންދާ މުދާ ކަނޑުމަގުން ގައުމަކަށް ގެންގޮސް، އެ ގައުމު މެދުވެރިކޮށް ވައިގެ މަގުން އެކި މަންޒިލްތަކަށް އަވަހަށް ފޮނުވައިދޭ ހިދުމަތެކެވެ.

އެ ހިދުމަތް ރާއްޖޭގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ މާޗު މަހުގެ ފަހުކޮޅު ޓާކިޝް އެއާލައިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ”ހަފްތާ“ އަށް ވިދާޅުވީ، ”ސީ-ޓު-އެއާ“ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ރޭ ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވާ ކަމަށެވެ. އެ ޝިޕްމަންޓަކީ ބަންގްލަދޭޝް އިން ކަނޑުމަގުން ރާއްޖެ ގެނައި ރެޑީމޭޑް ގާމަންޓްސް އެވެ. އެ ޝިޕްމަންޓް ފޮނުވީ ޓާކިޝް އެއާލައިންސް މެދުވެރިކޮށް ތުރުކީ މަގުން ޖަރުމަނަށެވެ.

ޓާކިޝް އެއާލައިންސް އިން ސީ-ޓު-އޭ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތަށް ބޭނުން ކުރަނީ ސްރީ ލަންކާ އެވެ. ނަމަވެސް އެ ގައުމުން ޑިމާންޑާ އެއްވަރަށް ކޭޓާއެއް ނުކުރެވެ އެވެ.

ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް މީގެ ކުރީން ވަނީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށް ވިދާޅުވެފަ އެވެ.