ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ ހުސައިން ޝިފާއު ސަރުކާރުގެ ސިޔާސީ މަގާމަކަށް އައްޔަން ކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އައްޔަންކޮށްފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމުގެ މުސާރައަށް އޭނާއަށް މަހަކު 24،550 ރުފިޔާ ލިބެ އެވެ.
އިތުރު މީހަކާ ބައިވެރިވެގެން ”ކިންގްޑަމް އޮފް ފްރުޓްސް“ މެދުވެރިކޮށް ރާއްޖެ އިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހެޅި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 28 މާޗް 2023ގަ އެވެ.
އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް 27 މެއި 2023ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލި އެވެ.
އޭރު ދައުލަތުން އޮތީ އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތެވެ.
ނަމަވެސް އޭނާ ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅި އިރު، ޝިފާއު ވަނީ 29 މެއި 2023ގައި ރާއްޖެއިން ބޭރަށް ފުރައިފަ އެވެ. އެހެންވެ އޭނާ ހޯދަން އޮގަސްޓް 2023 ގައި އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް ފިލައިގެން އުޅުމަށްފަހު ސެޕްޓެމްބަރު 2023ގައި އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރަ އެވެ.
ގުޅުންހުރި
އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު މަރުވެއްޖެ
100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މިހާރު ޒަކާތު ފައިސާ ލިބޭ:
ރައީސްގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސަށް ނަސޭހަތް
ވައްކަންކުރަނިކޮށް ފުލުހުން އައުމުން އަލަމާރި ތެރެއަށްވަދެ ފިލައިފި
ކާރެއްގައި ރޯކޮށްލި މައްސަލައިގައި ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި
ޒަކާތު ފަންޑުން ގާޒާއަށް އެއް ލައްކަ ޑޮލަރުގެ އެހީ ދެނީ!