ރާއްޖެ ފަދަ ކުޑަ ގައުމުތަކުގެ އަދި ރާއްޖެ ކަހަލަ ކުޑަ އިގުތިސާދެއް އޮތް އަދި އިޖުތިމާއީ ގޮތުންނާއި ތިމާވެށީގެ ގޮންޖެހުންތައް ހުންނަ ގައުމުތަކުގެ ނާޒުކު ކަމަކީ އެ ގައުމުތަކުގެ ބަލިޔަފަކަށް ވިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފއެވެ.
އެންޓީގާ އެންޑް ބާބުޑާގައި މިހާރު ކުރިއަށްދާ ހަތަރު ވަނަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސްގައި ވިދާޅުވީ ސިޑްސްގެ ގައުމުތަކަށް ތަރައްގީގެ ރޮނގުގައި ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ. ސިޑްސްއަށް 30 އަހަރު ފުރިފައިވާއިރު ހޯދުނު ކާމިޔާބުތަކަކީ ކޮބައިތޯ ބަލާލުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
”ފަގީރުކަން އަދިވެސް އެބައޮތް. މޫސުމީ ބަދަލުތައް ބޮޑު ބިރަކަށް ވަނީ ވެފައި. އަޅުގަނޑުމެންގެ ވެށި ދަނީ ހަލާކުވަމުން. ގައުމުތަކުގެ ބޭރުގެ ދަރަނި ދަނީ އިންތިހާ އަށް ބޮޑުވަމުން. އިންސާފެއް ނުލިބޭ. ހަމަހަމަ ކަމެއް ނެތް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި ގައުމުތަކުން ބައިނަލްއަގުވާމީ ނިޒާމުތަކަށް ކުރާ އުންމީދު ގެއްލެން ފަށައިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ސިޑްސްގެ ގައުމުތަކުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަން އިސްކޮށް، ތަރައްގީ އަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
”އަޅުގަނޑުމެންގެ ނާޒުކު ކަމަކީ އަޅުގަނޑުމެންގެ ބަލިފަޔަކަށް ވިޔަ ނުދެމާތޯ. އެއީ އަޅުގަނޑުމެން ހިތްވަރު ހޯދަންވީ ކަންކަން. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކަމުގެ ނިޝާނެއް،“ ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ސިޑްސްގެ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ކުދި ގައުމުތަކަށް ލޯނު ދިނުމުގައި ލުއިގޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަމިއްލަ ވިޔަފާރިތަކުން ސަރުކާރުތަކަށް ލޯނު ދޫކުރުމުގައި ވެސް ލުއިގޮތްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”ބައިނަލްއަގުވާމީ ކްލައިމެޓް ފަންޑުތަކާ އެކު އަޅުގަނޑުމެންނަށް ކުރެވިފައިވާ ތަޖުރިބާއަކީ، މި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެއީ އެކަށީގެންވާ ވަރުގެ ފަންޑުތަކެއް ނޫން ކަން،“ ރައީސް ވިދާޅުވިއެވެ.
ސިޑްސްގެ ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި
ރައީސްގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސަށް ނަސޭހަތް
ބޭރު ފައިސާގެ ބިލާއެކު ދައުރުވާ ޑޮލަރު ބޮޑުތަނުން އިތުރުވެގެންދާނެ: ރައީސް
ޑުރަގުގެ ގާނޫނު އިސްލާހުކޮށް، ގޭންގު ކުށްތައް ހުއްޓުވަން އާ ބިލެއް ހުށަހަޅަނީ
ރައީސް މުއިއްޒަށް ތުހުމަތުވާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން މަޖިލިސް ރައީސް އެންގެވީ
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް