އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމަކީ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެއް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިއްޔެ މަޖިލިސް ހުވާ ކުރުމަށްފަހު ޕީއެންސީގެ ޕީޖީ ގްރޫޕުން މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރިން އައުން މަނާކުރުމާމެދު އާ މަޖިލީހުން ގެންގުޅޭނެ ސިޔާސަތާމެދު ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ.
ފުރަތަމަ އެ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ، އެ މައްސަލައިގެ މާބޮޑު މައުލޫމާތެއް އެ ބޭފުޅުންނަށް އެނގިފައި ނެތުމުން ޖަވާބެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެހެން ނޫސްވެރިއަކު ހަމަ އެ ސުވާލު ކުރުމުން ފަލާހު ވިދާޅުވީ، އެއީ ދެ ގައުމެއްގެ ތެރޭގައި ހިނގާ ކަމެއް ކަމަށެވެ.
”އިޒްރޭލުގެ މައްސަލާގައި، އެ މައްސަލައަކީ ތިބޭފުޅުން އިނގިވަޑައިގަންނަވާނެ ހަމަ ވަރަށް ބޮޑު ފޮރިން ދެ ގައުމެއްގެ ދޭތެރޭ ހިނގާ، މައްސަލަތަކެއް، އެ ކަންކަމުގެ ސަރުކާރުން އެންމެ ވިސްނާފަ ފޮނުވާ ގޮތަކަށް، އެންމެ ރައްޔިތުންނަށް، ގައުމަށް ފައިދާ ހުރި ގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމަންޖެހޭ ކަމެއް އަޅުގަނޑުމެން ނިންމާނަން،“ ފަލާހު ވިދާޅުވި އެވެ.
ފަލާހު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔުމާއި ނުރުހުން އަމާޒުކުރަމުންނެވެ. ބައެއް މީހުން ވަނީ އިޒްރޭލަކީ ގައުމެއް ކަމަށް ސަރުކާރުން ބަލައިގަތީތޯ ސުވާލު އުފައްދަމުންނެވެ.
އެކަމަށް ފާޑުކިޔަމުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އެކްސްގައި ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގައި ބޮޑު ގަތުލުއާންމެއް ހިންގަމުންދާއިރު، އެއީ ދެ ގައުމެއްގެ ދޭތެރޭ ހިނގާ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.
އަދި އެ މައްސަލާގައި ސަރުކާރުން ވަކި ގޮތެއް އަންގަންދެން މަޑުނުކޮށް މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އަމްރު ވިދާޅުވި އެވެ.
ފަލާހުއަށް ފާޑުވިދާޅުވަމުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ ދެ ބައެއްގެ ދެމެދުގައި ގޯއްޗެއްގެ އިންފާރު ވަކިކުރުމުގައި ދިމާވެގެން އުޅޭ ދެބަސްވުމެއްހާ އާދައިގެ ކަމެއް ގޮތަށް ދޭހަވާ ގޮތަށް ވާހަކަދެއްކުމަކީ އެފަދަ މައްސަލަތަކާމެދު ޕީއެންސީގެ މަޖިލިސް މެންބަރުން ސީރިއަސް ނޫންކަން އަންގައިދޭ ކަމެއް ކަމަށެވެ.




ގުޅުންހުރި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
”މަސައްކަތް މިކުރަނީ ވެރިކަމުގެ ހުވާގެ މަތީގައި ހުރެ, ކޮންމެ ދުވަހަކުވެސް އެހުވާ
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ