ނޮވެމްބަރ 24, 2024

އެއާޕޯޓުން ޑުރަގް ބޭރުކުރަން އުޅުނު ކަމަށް ތުހުމަތުވާ އެމްއޭސީއެލްގެ މުވައްޒަފު ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓު، (ވީއައިއޭ) އިން 4.5 ކިލޯގެ މަސްތުވާތަކެތި ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ދެ މުވައްޒަފުންގެ ތެރެއިން ބަންދުގައި ހުރި މީހާ ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ވީއައިއޭ އިން އުސޫލުން ބޭރުން ބޭރު ކުރަން އުޅުނު ލަގެޖުގައި ހެރޮއިން އާއި މެތު ހުރި މައްސަލައެއްގައި އެމްއޭސީއެލްގެ ދެ މުވައްޒަފަކާއެކު ޕާކިސްތާން މީހަކާއި ލަގެޖާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކުރި އެވެ.

ނަމަވެސް އެކަމުގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުވާ އެމްއޭސީއެލް ސީނިއާ މުވައްޒަފު ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ދޫކޮށްލައިފަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލީ ހދ. ކުޅުދުއްފުށި/ ފެހިއަލީ، އަލީ ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމާއި ޖަދުވަލު އެކެއްގައިވާ ޑުރަގެއް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ތުހުމަތުގަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އަލީ ހުސެއިން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް އެ ކޯޓުން ނިންމާފައި ވަނީ ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމަށެވެ.

ކޯޓުން ބުނީ، އަލީ ހުސެއިންއަށް ތުހުމަތުވާ މައްސަލައިގައި ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ހެކިތަކުގެ މައްޗަށް ބަލާއިރު ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ހުސެއިން އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ކަންކަން މާނަ ކުރެވެނީ އަލީ ހުސެއިން އާ އެއްކޮޅަށް ކަމަށެވެ.

ދައުލަތުން ބުނީ، އަލީ ހުސެއިން ކުށުގައި ބައިވެރިވެފައި ވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްގައި ލަގެޖުގައި ލާފައި އިން ކާޓެއް ޓްރެކްޓާ މެދުވެރިކޮށް އެއާޕޯޓް ލަގެޖް ޓްރާންސްފާ ކުރުމުގެ އުސޫލާ ހިލާފަށް ޑޮމެސްޓިކް ޓާމިނަލް އަށް ގެންގޮސްފައިވާތީ އާއި އޭނާ އެކަން ކޮށްފައި ވަނީ ސުޕަވައިޒަރުގެ ހުއްދަ ނެތި ކަމަށާއި އެކަމުގެ އިންސްޓްރަކްޝަން ހާދިސާ ހިނގުމުގެ ކުރިން އަލީ ހުސެއިނަށް ލިބިފައިވާ ކަމަށް އޭނާގެ ބަޔާނަށް ބެލުމުން އެނގޭ ކަމަށް ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަލީ ހުސެއިންގެ އެ އަމަލާ ގުޅިގެން އޭނާ މުޖުތަމައު އަށް ނުރައްކަލަކަށް ވާ ގޮތެއް ދައުލަތުގެ ފަރާތުން ބުނެދީފައި ނުވާ ކަމަށެވެ.

އަލީ ހުސެއިން ދޫކޮށްލާފައި ވަނީ މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުމާއި އިތުރު ކުށަކަށް އަރައިނުގަތުމާއި ކޯޓުން އަންގާ ގަޑިއަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް އަދި އެއްވެސް މުއާސަލާތެއް ނުކުރުމަށް ޝަރުތުކުރުމަށްފަހު އެވެ.