ނޮވެމްބަރ 23, 2024

އެރިކްސަން ޔޫރޯއަށް އެނބުރި އައުން ގޯލަކުން، ޑެންމާކް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

ޔޫއެފާ ޔޫރޯ 2024 ގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ސްލޮވޭނިއާއާ އެއްވަރުވެއްޖެ އެވެ. މިއީ މި އަހަރުގެ ޔޫރޯގައި އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗެވެ.

ސްޓުޓްގާޓް އެރީނާގައި މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، މިއީ ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އަށް ހާއްސަ މެޗެކެވެ.

ޔޫރޯ 2020ގައި ޑެންމާކުން ގްރޫޕް ސްޓޭޖުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ހާޓްއެޓޭކެއް ޖެހި ހިތް ހުއްޓިގެން ބާލަން ޖެހުނުއިރު، އޭގެ ފަހުން އެރިކްސަން އަށް ވަނީ އޭނާ ކުރިން ކުޅެމުން އައި އިންޓަ މިލާންވެސް ދޫކޮށްލަން ޖެހިފަ އެވެ. ހިތަށް އައިސީޑީއެއް ލައްވައިގެން އުޅޭ އެރިކްސަން އަށް އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމުގެ އުންމީދެއް ލިބި، އެނބުރި ދަނޑު މައްޗަށް ފުރަތަމަ ނުކުތީ ޕްރިމިއާ ލީގުގެ ބްރެންޓްފޯޑުންނެވެ.

އޭގެ ފަހުން މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދާ އެރިކްސަން ވަނީ ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައިވެސް ކުޅެފަ އެވެ. ނަމަވެސް މި ފަހަރުގެ ޔޫރޯއަކީ އޭނާއަށް ދިމާވި ހާދިސާއަށްފަހު ކުޅޭ ފުރަތަމަ ޔޫރޯ އެވެ.

މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޑެންމާކެވެ. އޭގެ ނަތީޖާއަކަށްވީ މެޗުގެ 17 ވަނަ މިނެޓުގައި ޑެންމާކުން ލީޑު ނެގުމެވެ. ޖޮނަސް ވިންޑްގެ ފުންނާބުން ޖައްސާލި ބޯޅަ، ގޯލް އޭރިޔާ ބޭރުގައި ހުރެ، މޭން ކޮންޓްރޯލް ކޮށްލުމަށްފަހު އެ ބޯޅަށް ގޯލަށް ވައްދާލީ އެރިކްސަން އެވެ.

އެ ގޯލަށްފަހުވެސް ޑެންމާކަށް ނަތީޖާ ފުޅާކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މަދުވީ ގޯލެކެވެ. ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ އިތުރު ގޯލެއް ޖެހޭތޯ ޑެންމާކުން ބެލި އެވެ. ނަމަވެސް މެޗުގެ އޮއެވަރު ބަދަލުކޮށްލައި، ފަހު ހާފުގެ ބޮޑުބައެއް ޑިމޮނޭޓް ކުރީ ސްލޮވޭނިއާ އިންނެވެ.

އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ސެސްކޯ ފޮނުވާލި ބާރު ހަމަލާ ޑެންމާކް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެ ކުޅުމުގެ ތެރެއަށް އައި އިރު، ސްލޮވޭނިއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޭގެ ފަހުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 13 މިނިޓަށްވެފައި ވަނިކޮށް، ސްލޮވީނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެރިކް ޔަންޒާ އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޑެންމާކުގެ މޯޓެން ހިޖޫލްމަންޑްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.

އެ ގޯލަށްފަހު ސްލޮވޭނިއާގެ ސްޕޮރާރް އަށް ތިން ޕޮއިންޓް ހޯދަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބާރު ހަމަލާ، ޑެންމާކްގެ ކީޕަރު ޝްމައިކަލް މަތަކުރި އެވެ.