ނޮވެމްބަރ 21, 2024

ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމެއް: ރައީސް

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ފުން ހިތާމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބަކާ، 38، މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސް ވެގެންނެވެ. އޭނާ ހައްޖުން އައި އިރުވެސް ހުރީ ވަރަށް ގަދައަށް ރޯގާ ޖެހިފަ އެވެ. އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، އިއްޔެ އިން ފެށިގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ އިރު، ރެއިން ފެށިގެން ވަރަށް ހާލު ދެރަ އެވެ.

ބަކާ ނިޔާވުމާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަކާއަކީ ކުޅިވަރަށް، ވަކިން ހާއްސަކޮށް ދިވެހި ފުޓްބޯޅަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށެވެ.

މި ހިތާމަވެރި ވަގުތު ބަކާގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރައްވާ ކަމަށާއި ބަކާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައިި، ކީރިތި ﷲ ގެ ނިއުމަތާ ރަހުމަތުގައި ލެހެއްޓެވުން އަދި ދުއާކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

ބަކާއަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައި ވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން އޭނާ ވަނީ ވީބީ އައްޑޫ އެފްސީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ވަނަ އަހަރު ހޯދި ބަކާ ވަނީ 2015 ވަނަ އަހަރު މިޔަންމާ ލީގުގެ ކަންބައުޒާއަށްވެސް ކުޅެފަ އެވެ. އަދި ގައުމީ ޓީމަށް 47 މެޗު ކުޅެދިން އިރު، 2008 ވަނަ އަހަރު ރާއްޖެ އިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ރޯލެއް އަދާކުރި އެވެ. އަދި އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެ އެވެ.